ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާ އިން 50،000 އެޗް.ސީ.ކިއު ބޭސްގުޅަ ހަދިޔާކޮށްފި

ދިވެހި ސަރުކާރުން އެދިގެން އިންޑިއާއިން 50،000 ހައިޑްރޮކްސީކްލޮރޯކްއީން (އެޗް.ސީ.ކިއު) ބޭސްގުޅަ ހަދިޔާ ކޮށްފިި އެވެ.

އެޗް.ސީ.ކިއު އަކީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމަށް ފަރުވާދިނުމުގައި ޕްރޮފިލެކްޓިކެއްގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރެވެމުންދާ ބޭހެކެވެ. ދިވެހިރާއްޖޭގައި އެޗް.ސީ.ކިއު ބޭހުގެ ބޭނުންކުރެވޭނީ ދިވެހި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުންނެވެ.

އިންޑިއާ ހަައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްްގައި ބުނީ އެޗް.ސީ.ކިއު ބޭހުގެ މި ކޮންސައިންމެންޓް ރާއްޖެ ގެނެސްފައިވަނީ ކޮރޯނާ ވައިރަސްއާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރެއްވުމަށް ފަހު އެވެ.

މި ބޭސް ސަޕްލައިގެ 70 އިންސައްތަ އުފައްދާ ގައުމަކީ އިންޑިއާ އެވެ. ލުޕަސް އަދި ރޫމަޓޮއިޑް އާތުރައިޓިސް ގެ ފަރުވާއަށްވެސް ބޭނުންކުރެވޭ މި ބޭސް އިންޑިއާގައި އުފައްދާ އެންމެބޮޑު ދެ ކުންފުންޏަކީ ޒައިޑަސް ކެޑިލާ އަދި އިޕްކާ ލެބްސް އެވެ. އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުން ވަނީ މިދަނޑިވަޅުގައި ޑިމާންޑް ފުރިހަމަ ކުރުމުގެ ގޮތުން ޕްރޮޑަކްޝަން އިތުރުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ރައީސް މަޝްވަރާކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޗް.ސީ.ކިއު ބޭހުގެ ސަޕްލައި ރާއްޖެއަށް ފޯރުކޮށްދެވުމަކީ ދެ ގައުމުގެ މެދުގައިވާ ގުޅުމުގެ ހެއްކެއް ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެ އެވެ. އަދި މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީއާއި ދިވެހިރާއްޖޭގެ 'އިންޑިއާ ފަސްޓް' ޕޮލިސީގެ ބަދަހިކަމުގެ ރަމްޒެއްގެ ގޮތުގައި އިންޑިއާ ހައިކޮމިޝަނުން ވަނީ ސިފަކޮށްފަ އެވެ.