ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިވިލް ކޯޓް

ދެ މީހަކު ކަރަންޓީން ކުރަން ކޯޓު އަމުރެއް

ކަރަންޓީނަށް ދާން ދެކޮޅު ހެދި ދެ މީހަކު، ކޯޓް އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންގޮސްފި އެވެ.

މިއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މީހުން ކަރަންޓީން ކުރަން ފެށި ފަހުން ބަޔަކު ކަރަންޓީން ކުރަން ކޯޓުން އަމުރެއް ނެރުނު ފުރަތަަމަ ފަހަރެވެ.

ކަރަންޓީނަށްދާން ދެކޮޅު ހެދި ދެ މީހަކު ކަރަންޓީނަށް ގެންދަން ހޯމަ ދުވަހުގެ ރޭ ސިވިލްކޯޓުން ދެ އަމުރެއް ވަނީ ނެރެފަ އެވެ. އެ އަމުރާއެކު ކަރަންޓީނަަށް ދާން ދެކޮޅު ހެދި ދެ މީހުން ވަނީ ކަރަންޓީނަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު މި ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބިދީފައި ވެއެވެ. އެގޮތުން ކަރަންޓީނަށް ގެންދަން ޖެހޭ މީހުން ކަނޑައެޅުމާއި، ރަށްތަކާއި މުޅި ރާއްޖެ ލޮކްޑައުން ކުރުމުގެ ބާރުވެސް ހިމެނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް ދެމި އޮންނާނެ އެވެ.

ސަރުކާރުން ވަނީ ބަލިޖެހޭ މީހުންނާއި، އެމީހުންނާ ކޮންޓެކްޓްވެފައިވާ މީހުން އަދި ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީންވާން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ.

މިވަގުތުވެސް ކަރަންޓީންގައި 1471 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 187 މީހުން އެބަތިއްބެވެ.