ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކަންމަތީ ފިހާރަ، އާއިލީ ވައިބަ ގުރޫޕަށް!

ކޮރޯނާ ވައިރަސް މާލެއަށް ފެތުރި، އުފެދިފައިވާ ބިރުވެރި ކަމާއެކު އެއިން ސަލާމާތްވާ އަޅާފައިވާ ފިޔަވަޅުތަކުގައި ކޮންމެހެން ބޭރަށް ނުކުންނާންޖެހޭ މީހަކު ފިޔަވައި އެންމެން މި ތިބީ ގޭގަ އެވެ. މިހާރު އެއްޗެއް ހޯދަން ބޭނުން ވިއަސް އެއްޗެއް ގަނެލަން ބޭނުން ވިޔަސް ފުރަތަމަ ޕްރިއޯރިޓީ ދެނީ ގެ ކައިރިން ކަންމަތީގެ ކުޑަ ފިހާރަ އަށެވެ. އެ ތަނުގައި ނެތިއްޔާ ނޫނީ އެހެން ތަނަކުން އެއްޗެއް ނުހޯދަ އެވެ. އެހެން ދިމާއަކަށް ދެވުނަސް އެއީ އުނދަގޫ މަރުހަލާއެކެވެ.

މި ބަދަލާއެކު ކަންމަތީ ފިހާރަތައް ވެފައިވަނީ ކުރިއަށްވުރެ ވެސް އާއިލާތަކާ ކައިރި ގުޅުން ބޮޑު ބަޔަކަށެވެ. ކުރިން ވެސް ގޭގެ ހުރިހާ އެންމެނާ ކަންމަތީ ފިހާރައިގެ ސޭޓާއި ރައްޓެހިވާނެ އެވެ. އެކަމަކު މިހާރު އެ ގުޅުން ބަދަހިވެފައިވާ ވަރަކީ ކަންމަތީގެ ކުދިކުދި ފިހާރަތައް "ސްމާޓް މޫވްއެއް" އެއްގެ ތެރެެއަށް ވަދެ އާއިލާތަކާ ގުޅާލާފައި ވުމެވެ. ހުރިހާ ފިހާރަތަކުން ވެސް ވަނީ އެ ފިހާރަ ވަށައިގެން ދިރިއުޅޭ އަވަށްޓެރިން ހިމެނޭ ގޮތަށް ވައިބާ ގްރޫޕުތައް ހަދާފަ އެވެ.

ކޮވިޑް-19 އާއެކު މިހާރު ކަންމަތީ ފިހާރަތައް ވެފައި މިވަނީ މި އާއިލާތަކުގެ ބައެއްގެ ގޮތުގަ އެވެ. މިހާރު ބައެއް ފިހާރަތަކުގެ މި ގްރޫޕުތައް ހިންގަނީ އާއިލީ ވާއިބަ ގްރޫޕުތަކުގެ ގޮތުގަ އެވެ.

"މި ބަދަލު އައީ އޮޓަމެޓިކުން... މި ބަދަލު އައީ ހުރިހާ މީހުންނަށް ފަސޭހަ ކޮށްދޭން ޖެހުމުން. ކުރީގެ ގޮތަށް، ފަހަރަކު މީހަކު ގުޅީމަ ވާގޮތަކީ ވާހަކަ ދައްކަން މާގިނަ ވަގުތު ހޭދަ ވަނީ. މިހާރު ބޭނުންވާ އެއްޗެއް ވައިބަ ގްރޫޕުގަ ޖެހީމަ، އެ ގޭގެ އޮޅިގަނޑާ ހަމައަށް އެ އެއްޗެއް ލިބޭނެ،" މާފަންނުގައި ކަންމަތީ ދެ ފިހާރައެއް ހިންގާ އަހުމަދު ނަސީމް ބުންޏެވެ.

މިފަދަ ލޮކްޑައުން ހާލަތެއްގައި ވިޔަފާރިއަށް ފަސޭހަވުމުގެ އިތުރުން އަވަށްޓެރިންގެ ގުޅުން ބަދަހިވުމުގެ އާ ކަމަކަށް ވެސް މިކަން މިވަނީ ވެފަ އެވެ. މިފަދަ ވައިބާ ގްރޫޕުތަކުގައި ކޮމިއުނިޓީގެ އެންމެން އުޅެނީ ބޮޑު އެއް އާއިލާއެއްގެ ގޮތުގަ އެވެ. ކޮވިޑްގެ ހާލަތުގެ ބައެއް ވާހަކަަތައް ޝެއާ ކުރުމުގައި ވެސް މިފަދަ ގްރޫޕުތައް މިހާރު އެބަ ބޭނުން ކުރެ އެވެ. އެއްގެއަކުން އަނެއް ގެއަކަށް އެހީވުމުގައި ވެސް ކަންމަތީ ފިހާރައިގެ އަވަށްޓެރިންގެ ވައިބާ ގްރޫޕް ބޭނުން ކުރަން މިހާރު ފަށާފައި ވެއެވެ.

ކަންމަތީ ފިހާރަ ނަގުދު ފައިސާއާ ދުރަށް!

ކަންމަތީ ފިހާރަތައް ކުރިން ވެފައި އޮންނަނީ ނަގުދު ފައިސާ ރޯލުކުރާ ވިޔަފާރިއެއްގެ ގޮތުގަ އެވެ. އެކަމަކު މިހާރު ކޮންމެ ދުވަހަކު ވެސް އާ މުދާ ގެންނަ ގޮތަށް ގްރޫޕަށް އެއެއްޗެއްގެ ފޮޓޯތައް އަޅާލަ އެވެ. އޭރުން ފިހާރައި ވަށައިގެން އޮންނަ ކޮއްޓާއި އެ ހިސާބުގަނޑުގެ އެންމެންގެ ތެރެއިން ބޭނުންވާ ގޭ ބިސީ އަކުން ވަގުތުން އެއެއްޗަށް އޯޑަރު ދެވެ އެވެ.

ކޮވިޑް-19 އުޅޭތީ ގިނަ މީހުން މިހާރު ބޭނުން ކުރީ ނަގުދު ފައިސާގެ ބަދަލުގައި ބީއެމްއެލް އިންޓަނެޓް ބޭންކިން ޓްރާންސްފާ އެވެ. ކަންމަތީ ފިހާރަތަކުން ވެސް މި މުހިންމު ހިދުމަތް ބޭނުން ކުރަން ފަށައިފި އެވެ. މިއީ ބޭންކުގެ އިންޓަނެޓް ބޭންކިންއަށް ވެސް ލިބުނު ބޮޑު ޕްރޮމޯޝަނަކަށް ވެފައި ވެއެވެ.

"މިހާރު އެއްޗިހި ވިއްކަން ވެސް މާބޮޑަށް ފަސޭހަ. ތަރުކާރީ ލިބުނަސް ވަގުތުން ގްރޫޕަށް ފޮޓޯ ވައްޓާލަނީ. އޭރުން ފިހާރަ ސަރަހައްދުގައި ހުންނަ ގެ ތަކުން ބޭނުންނަމަ ގްރޫޕްގައި ޖަހާލާފައި ފައިސާ ޓްރާންސްފާ ކޮށްލާނެ. އޭރުން ހަމަ ވަގުތުން ގެއާ ހަމައަށް ގެންގޮސް ދެނީ،" ކަންމަތީ ފިހާރަ ހިންގާ ސޭޓަކު ބުންޏެވެ.

މިހާރު އުޅެން ޖެހިފައިވާ ގޮތަށް ބަލާއިރު މި ބަދަލު ވެގެން ދަނީ އާއްމު ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ބޮޑު ލުޔަ ކަށެވެ. އުނދަގޫ ހުއްދައެއްގެ ތެރެއިން ފިހާރައަށް ދާން އުޅުމުގެ ބަދަލުގައި ބޭނުންވާ އެއްޗެއް ފަސޭހަ އިން ވައިބާ ގްރޫޕްގައި އޯޑަރުކޮށްލައި ގްރޫޕްގެ ތެރޭގައި ބޮޑު އާއިލާއެއްގެ ގޮތަށް ހުރިހާ އަވަށްޓެރިންނަށް ވާހަކަ ދައްކާ އަނގަވެސް ތަޅާލެ ވެއެވެ. "އަވަށްޓެރި ގައިދުރު" ކަން ވެސް ކަންމަތީ ފިހާރައިގެ ވައިބާ ގްރޫޕްތަކުން ކައިރިކޮށް ދެ އެވެ. އަދި ހިސާބުގަނޑުގައި ކުރިން ގާތް ކަމެެއް ނެތް މީހުން ވެސް ގްރޫޕުން ބައްދަލުވެ ރައްޓެހީނަށް ވެއްޖެ އެވެ.

މާފަންނުގެ ގެއެއްގައި ތިން ކުދިންނާއެކު ދިރިއުޅޭ، އައިޝަތު ހާމިދު ބުނި ގޮތުގައި "ގޭބަންދު" ވެގެން ތިބޭއިރު މިހާރު އެންމެ ބޮޑު އެހީތެރިއަކީ ކަންމަތީ ފިހާރަ އާއި ފިހާރައިގެ ވައިބާ ގްރޫޕެވެ.

"އަޅުގަނޑު މި އުޅެނީ ގެއެއްގެ ފަސް ވަނަ ފްލޯގަ. މީގެ ކުރިން ކޮންމެ ފަހަރަކު ހުރިތޯ ވެސް ބަލަން ދާން ޖެހޭނީ ފޯނެއް ނުނަގާނެ އެ މީހުން ވެސް ބިޒީ ކަމުން... ކުރިން ފިހާރަ އަށް ކޮޕީފަތް ކަހަލަ އެއްޗިހި އަޔަސް ނޭނގެ. އެކަމަކު ވައިބަ ގްރޫޕު ހެދީމަ ވަރަށް ފަސޭހަ. ހަމަ އެއްޗެއް އަންނައިރަށް ފޮޓޯ ލާނެ ގްރޫޕަށް. އެހިސާބުން އޯޑަރު ލިޔެލާފައި ފައިސާ ޓްރާންސްފާކޮށްލީމާ އިރުކޮޅަކުން ގެއާ ހަމައަށް އާދޭ... ދެން މި ފްލޯ އިން ތިރިއަށް ވައްޓާލަނީ ވާގަނޑެއް. އޭގައި ފިހާރައިގެ މީހަކު މުދާ ގެނެސް އަސާލީމަ އެ ލިބުނީ... މިއީ މާ ފަސޭހަ ގޮތެއް،" އައިޝަތު ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ހިދުމަތްތައް އޮންލައިންވެ މި އި މި ބަދަލާއެކު، މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައި ހެޔޮ ބަދަލެއް ކަމަށް ބުނެވި ދާނެ އެވެ. އަދި މިއީ މުސްތަގުބަލުގައި މި ވިޔަފާރި ތަކަށް ހުޅުވިގެން ދާނެ ވިޔަފާރީގެ އާ ދޮރަކަށް ވެސް ވާނެ އެވެ.

ދުނިޔޭގެ އެހެން ބައެެއް ގައުމުތަކުގައި މި ފަދަ ގޮތަށް ކޮމިއުނިޓީ ބްލޮކްތަކުގައި ގޭގެއަށް ހިދުމަތް ދެ އެވެ. ތަފާތަކީ އެ ގައުމުތަކުގައި މި ކަމަށް ހާއްސަ އީ- ޕްލެޓްފޯމްތައް ހުރުމެވެ. އެހެންވެ،

ރާއްޖޭގައިވެސް އެފަދަ ސިސްޓަމެއް ހެދިއްޖެނަމަ، މިހާރު ބޭނުން ކުރާ ވައިބަ ގްރޫޕުތަކުގެ ބަދަލުގައި މި ހިދުމަތް އެފިޝެންޓްކޮށް ދެވޭނެ އެވެ.