ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އޯވަޑްރޯ ކުރުމަކީ ބްލޭކް ޗެކެއް ދިނުމެއް ނޫން: އަމީރު

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް، އޯވަޑްރޯ ކުރުމަކީ ދިވެހި ރުފިޔާ ޗާޕުކޮށްގެން ނެރުން ނޫނީ، ބްލޭންކް ޗެކެއް ދިނުން ނޫން ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް އޯވަޑްރޯއެއް ހަދަން މަޖިލީހަށް ފޮނުވުމާއެކު ބައެއް މެންބަރުން ރައްޔިތުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ އޯވަޑްރޯ ކުރުމަކީ ބްލޭންކް ޗެކެއް ދިނުން ނޫން ކަމަށާ އަދި އެއީ ފައިސާ ޗާޕު ކޮށްގެން ނެރުން ވެސް ނޫން ކަމަށެވެ. މިއީ މުޅިން ތަފާތު ހާލަތެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ދަރަންޏަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. ގެ އިސްތިސްނާއަކަށް އެދުނީ ޕަބްލިކް ބޭންކް އެކައުންޓް އޯވަ ޑްރޯ ލިމިޓް އިތުރު ކުރަން. މިހާރު މިއީ އާއްމު ހާލަތެއް ނޫން ހާއްސަ ހާލަތެއް. ގާނޫނުގައި އޮތް ގޮތުން އޯވަޑްރޯ ކުރެވޭނީ 200 މިލިއަން ރުފިޔާ. އޯވަޑްރޯ ކުރި ނަމަވެސް ހާލަތު ރަނގަޅުވުމުން ފައިނޭންސިން އިތުރު ކުރާ މިންވަރުން ޕަބްލިކް ބޭންކުން އެކައުންޓް ޖަމާ ކުރަމުން ގެންދާނެ،" އަމީރު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން މި އަދަދު 4.2 ބިލިއަން ރުފިޔާ އަށް އެ ލިމިޓް މަތިކޮށްދިނުމަށް އެދިފަ އެވެ. އަދި މިގޮތަށް ނިންމުމާ ގުޅިގެން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ފިނޭންސް މިނިސްޓަރު އެ ފައިސާ ހަރަދުކޮށް ކަންކަން ކުރާނެ ގޮތުގެ ޕްރޮގްރާމްތަކުގެ ފުރިހަމަ ރިޕޯޓެއް އެމްއެމްއޭއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ. އަދި އެ ރިޕޯޓް ރައްޔިތުންނަށް ފެންނާނެ ގޮތަށް އާންމުވާން ޖެހޭނެ އެވެ.


"މި ގާނޫނަށް މި އިސްތިސްނާ ހާލަތަށް ފިނޭންސް މިނިސްޓްރަށް ފުރުސަތު ދޭއިރު، މިނިސްޓަރު ކަންކުރާނެ ގޮތުގެ ފުރިހަމަ ޕްރޮގްރާމެއް އެމްއެމްއޭ ގަވަރުނަރުގެ އަތްޕުޅަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ލިބެން ޖެހޭނެ، ހަރަދު ކުރާނެ ގޮތުގެ ތަފުސީލީ ރިޕޯޓެއް މަޖިލީހަށް، ރައްޔިތުންނަށް ލިބެން ޖެހޭނެ،" އިވާ ވިދާޅުވި އެވެ.