ކޮވިޑް-19 އާ ގުޅިގެން ގިނަ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި، މިހާރުވެސް 800 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ބަލަހައްޓަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ގިނަ މީހުން އެއްތަނެއްގައި ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން، މިހާރުވެސް ފުލުހުން 18 ތަނެއް ބަލަހައްޓަމުން ގެންދާ ކަމަށާއި، އެ ތަންތަނުގައި ޖުމްލަ 837 މީހަކު ދިރިއުޅޭކަމަށް ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި އެ ތަންތަނުގައި ތިބި މީހުންގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންވެސް ތިބި ކަމަށާއި، އެކަމަކު މިވަގުތު ފުލުހުން އިސްކަމެއްދޭނީ ބަލި ފެތުރުން ހުއްޓުވުމަށް ކަމަށެވެ.
އަދި އެތަންތަނުގައި ތިބި މީހުންގެ މެދުގައި ބަލި އޮތްތޯ ބެލުމަށްޓަކައި އެމީހުން ޓެސްޓު ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރަމުންދާކަމަށްވެސް ނަވީން ވިދާޅުވި އެވެ.
މިއަދު ފަތިހުވެސް މާލެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުޅި ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 177 އަށް އަރައިފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ޕޮޒިޓިވްވި 36 މީހުންނަކީ ބަންގްލަދޭޝްގެ 29 މީހަކާއި، އިންޑިއާ މީހެެއްގެ އިތުރުން ހަ ދިވެހިންނެވެ. އޭގެ ތެރެއިން 30 މީހަކު އުޅުނީ މީހުން އުޅެން އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި މަހުގެ 15 ދުވަހު މާލެއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުން ފަހުން ގިނަ އަދަދެއްގެ ކޭސްތައް މާލެއިން ދަނީ ފެންނަމުންނެވެ.
އެ ގޮތުން މިއީ މިހާތަނަށް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އާންމުކުރި ފުރަތަމަ ފަހަރެވެ.
ރާއްޖޭން މިހާތަނަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 75 ދިވެހިންނާއި، ބަންގްލަދޭޝްގެ 75 މީހަކާއި، އިޓަލީގެ 11 މީހަކާއި، އިންޑިއާ 10 މީހަކާއި، ލަންކާ ދެ މީހެއްގެ އިތުރުން އެހެން ގައުމުތަކެއްގެ ފަސް މީހެކެވެ.