ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގާނޫނު އަސާސީއާ ހިލާފަށް އަމަލު ކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދާ ހަވާލާދެއްވައި ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް، މިނިސްޓަރު އަމީންގެ ފަރާތުން ސާފު ކުރަން ބޭނުންވާ ސުވާލު ޖަވާބު އަދިވެސް ދެއްވާފައިނުވާ ކަމަށެވެ.
ގާނޫނު އަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުން ހައިތަމް ލިޔުމުން ހޯދަން ބޭނުންވާ ޖަބާބުގެ ސުވާލު ނޯޓިސް މި މަހުގެ 14 ވަނަ ދުވަހު މިނިސްޓަރު އަމީންއަށް ފޮނުއްވި ކަމަށާއި އެ ސުވާލަށް ޖަވާބު ދިނުމަށް އެރުވުނު 14 ދުވަހުގެ ނޯޓިސް އިއްޔެއަށް ހަމަވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ނޯޓިސް އިއްޔެއަށް ހަމަވުމުން ވެސް މިއަދު މެންދުރުފަހު 2:00ގެ ކުރިން ޖަވާބު ފޮނުވުމަށް މިނިސްޓަރަށް ދެންނެވުމުނު ކަމަށާއި ނަމަވެސް މިނިސްޓަރު ޖަވާބު ދެއްވާފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންކަމުން މިނިސްޓަރު އަމީންގެ މި އަމަލަކީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފެނިވަޑައިގަންނަވާ ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ދެން މަޖިލީހުން އަމަލު ކުރާނެ ގޮތެއް ބަޔާނުގައި ނުބުނެ އެވެ.
ހައިތަމް، ޖަވާބު ހޯއްދަވަން މަސައްކަތް ކުރައްވަނީ ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ހޯދުމަށް ސަރުކާރުން އަމަލު ކުރި ގޮތުގަ އެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރު އަމީންއަށް މީގެކުރިން ވެސް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ފާޑުވިދާޅުވެ، އިތުބާރު ނެތް ކަމަށް ވިދާޅުވެފައިވެ އެވެ. ކޮވިޑް-19 މާލޭގައި ފެތުރެމުންމިދާ މި ދަނޑިވަޅުގައި މިނިސްޓަރު އަމީން ގިނަ ޒިންމާތަކެއް ވެސް ގެންދަވަނީ އުފުއްލަވަމުންނެވެ.