ކޮވިޑް19 އިގެ ސަބަބުން ނަފްސާނީ މައްސަލަތައް އިތުރުވެފައިވާ ކަމަށް އަައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކާ ބެހޭ ޑރ. އާރިފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކޮވިިޑް-19 އާ ގުޅިގެން ދިމާވާ ނަފްސާނީ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާރިފު މުހައްމަދު ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ރާއްޖޭގައި ދަނީ އިތުރުވަމުން ކަމަށެވެ.
އެގޮތުން، ނަފްސާނީ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 715 މީހަކަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއްް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ އައިޖީއެމްޗަށް ފޮނުވަނީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތައް ކަމަށެވެ. ކަރަންޓިންގައި ތިބި މީހުންނާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު ފޮލޯއަޕް ކޯލްސް ތައް ވެސް ހަދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ދޮށީ އުމުރުގެ މީހުނަށް ނަފްސާނީ ގޮތުން ދިމާވާ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި ކަރަންޓީނުގައި ނޫނަސް، މިސްކިތްތަކަށް ނުދެވުމާއި ގޭތެރޭގައި ބަންދު ވުން ކަހަލަ ކަންކަމުގެ އަަސަރު ދޮށީ އުމުރުގެ މީހުންނަށް ކޮށްފާނެ ކަމަށެވެ.
"ވަރަށް އާދަޔާހިލާފު ހާލަތެއްގައި އަޅުގަނޑުމެން މިތިބީ. ހާސްވުމާއި ހިތްނުތަނަވަސްވުން މިއީ އެންމެންނަށް ވެސް ވާނެ ކަންކަން. ސަމާލު ވާންޖެހޭ އެކަކު އަނެކަކަށް އެހީތެރިވުމާއި އޯގާތެރިވުމަކީ މި ދަނޑިވަޅުގައި އިސްކަންދޭން ޖެހޭ ކަންކަން. އެންމެން އެކީގައި ނޫނީ މިކަންތައް ނުކުރެވޭނެ" އާރިިފް ވިދާޅުވި އެވެ.
އާރިފް އިތުރަށް ފާހަގަ ކުރެއްވީ ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭހުގެ ދަތިކަން ރާއްޖޭގައި އަބަދުވެސް އޮތް އިިރު މި ދުވަސްވަރު ބޭހުގެ ދަތިކަން އިތުރު ވެދާނެ ކަމަށް، އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން، އެންޓި އެންޒައިޓީ ފަދަ ބޭސްތަކުގެ ސަޕްލައި ހުސްވިޔަ ނުދިނުމަށް ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.