ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާން މަރުވެއްޖެ އެވެ. އިރްފާން، 53، މަރުވީ މުމްބައިގެ ކޮކީލާބެން ދީރޫބާއީ އަމްބާނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އިރްފާންގެ އަންބަކާއި ދެ ފިރިހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
އިރްފާން މަރުވިއިރު ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާތާ ދެ އަހަރެއް ދުވަސް ވެއްޖެ އެވެ. ފުރަތަމަ ކެންސަރު ބަލި ހުރިކަން 2018 ގައި އެނގުމާއެކު އިރްފާން ވަނީ ސޯޝަލް މީޑިއާގައި ވަރަށް އަސަރުގަދަ ނޯޓެއް ލިޔެފަ އެވެ. އެ ނޯޓުގައި އޭނާއަށް ކެންސަރު ޖެހިފައިވާ ކަމާއި އޭނާ ﷲ އަށް އިތުބާރު ކުރާ ކަމާއި އަދި ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ވަކީލުކޮށްލާފައިވާ ކަމަށް ބުނެފައި ވެއެވެ.
އިރްފާން މަރުވިކަން އެ އާއިލާއިން ނެރެފައިވާ ރަސްމީ ބަޔާނަކުން ވަނީ ޔަގީންވެފަ އެވެ. އަދި ފިލްމު ޑައިރެކްޓަރު ޝޫޖިތު ސިރްކާރް ވެސް ވަނީ އެކްޓަރު މަރުވިކަމަށް ބުނެ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.
"އަހަރެންގެ ގާތް އެކުވެރިޔާ އިރްފާން. ހަނގުރާމަ ވަރަށް ހަނގުރާމަ ކޮށްފި. އަހަރެން އޭނާއާ މެދު ފަޚުރުވެރިވަން. އަދި އޭނާގެ އަންހެނުން ސުޓާޕާ އަށާއި ދަރިންނަށް ތައުޒިޔާ ކިޔަން،" ޝޫޖިތުގެ މެސެޖުގައި ބުނެފައި ވެއެވެ.
އިރްފާންގެ ހުރީ މަދުން ނޫނީ ނުފެންނަ ވައްތަރެއް ކަމަށްވާ ނިއުރޯއެންޑޮކްރައިން ޓިއުމާ އެކެވެ. ކެންސަރު ހުރިކަން އެނގުމުން އޭނާ ވަގުތުން އިނގިރޭސި ވިލާތަށް ގޮސް އަހަރެއްހާ ދުވަހު ފަރުވާ ހޯދާފައި ވެއެވެ. ނަމަވެސް ކެންސަރު ރަނގަޅުވާނެކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން އޭނާ ކައިރީ އޮތީ ބުނެފަ އެވެ.
ފަރުވާއަށްފަހު އިރްފާން އެނބުރި އިންޑިޔާއަށް އައީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. "އަންގްރޭޒީ މީޑިއަމް"އަކީ އޭނާ އެނބުރި އައިސް ކުޅުނު އަދި އޭނާގެ އެންމެ ފަހުގެ ހިންދީ ފިލްމެވެ.
އިރްފާންގެ ބަލި ހާލަތަށް ބަލައި ފިލްމުގެ ޝޫޓިންގް ވަރަށް އަވަހަށް ނިންމާލިނަމަވެސް މާ ބޮޑަށް ބަލިވެގެން ފިލްމުގެ ޕްރޮމޯޝަންގެ އެއްވެސް އިވެންޓެއްގައި ވެސް އޭނާއަށް ބައިވެރިއެއް ނުވެވުނެވެ.
އިއްތިފާގަކުން ނަމަވެސް އިރްފާން މަރުވީ އޭނާގެ މަންމަ ސައީދާ ބޭގަމް މަރުވިތާ އެންމެ ތިން ދުވަސް ވީ ތަނާ އެވެ. އިރްފާންގެ މަންމަ މަރުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.