ބޮލީވުޑް

ފިލްމުފެއާ އެވޯޑު: އިރްފާނުގެ ހެދުމުގައި ދަރިފުޅު އެވޯޑާ ހަވާލުވެއްޖެ

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި 66 ވަނަ ވިމަލް އިލައިޗީ ފިލްމުފެއާ އެވޯޑު ހަފުލާގައި މިދިޔަ އަހަރު މަރުވި އެކްޓަރު އިރްފާން ޚާނަށް ދެ އެވޯޑެއް ލިބިފައި ވެއެވެ. މި އެވޯޑުތަކާ ހަވާލުވީ އޭނާގެ ދަރިފުޅު ބާބިލް އެވެ.

ބާބިލް އެވޯޑު ހަފުލާއަށް ދިޔައީ ބައްޕަގެ ހެދުން އަލަމާރިން ނެގި ބައްޕަގެ ހެދުމެއް ލައިގެނެވެ. އޭނާ ބުނި ގޮތުގައި އެ ހެދުންތައް ލައިގެން ރޭމްޕް ވޯކް އާއި ފެޝަން ޝޯތަކަށް ދާން ބައްޕަ ވަރަށް ނަފުރަތު ކުރި އެވެ. ތަންކޮޅެއް ގޮތްބޮޑު ހެދުންތައް ބައްޕަ އަޅާ އުޅުނީ އޭނާ ހިތްހަމަނުޖެހޭ ކަމެއް ކުރަން ޖެހޭތީ ހިތްހަމަޖައްސާލުމުގެ ގޮތުންނެވެ.

ބައްޕަގެ ހެދުން އަޅަން ބާބިލް ގަސްތުކުރީ ވެސް ހަމަ މިފަދަ ސަބަބަކާ ހުރެ ކަމަށް އޭނާ ބުންޏެވެ.
"އަހަންނަކީ ވެސް މިފަދަ ތަންތަނަށް އަންނަން އެހާ ބޭނުންވާ މީހެއް ނޫން. އެހެންވެ މިތަނަށް އަންނަން ޖެހުނީމަ މި ހެދުން އަޅާލީ ހިތްހަމަޖައްސާލަން،" ބާބިލް ބުންޏެވެ.

މި ހަފުލާއަށް ބާބިލް ތައްޔާރުކޮށްދިނުމުގެ މަސައްކަތް އޭނާގެ މަންމަ އަދި އިރްފާންގެ އަންހެނުން ސުޓާޕާ ޚާން ކުރާ ތަން ބާބިލް ވަނީ އިސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އެ ވީޑިއޯގައި ބާބިލް އޭނާ މަންމަ ކައިރީގައި ތަކުރާރުކޮށް އޭނާއާއެކު އެވޯޑު ހަފުލާއަށް ހިނގާބަލާށޭ ކިޔާ އަޑު އިވެ އެވެ. ނަމަވެސް ސްޓާޕާ ބުނަނީ އަދި މީހުން ކުރިމައްޗަށް ނުކުންނަން ނުކެރޭނެ ކަމަށެވެ.

އިރްފާނަށް މިފަހަރު ލިބުނު ދެ އެވޯޑުން އެއް އެވޯޑަކީ އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން މިދިޔަ އަހަރު ރިލިޒްކުރި "އަންގްރޭޒީ މީޑިއަމް" ކުޅެގެން ލިބުނު ބެސްޓް އެކްޓަރުގެ އެވޯޑާއި ހިންދީ ސިނަމާއަށް އޭނާ ކޮށްދިން އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އެވެ.

އިރްފާން، 53، މަރުވީ ކޯލަން އިންފެކްޝަނެއް ޖެހި ވަރަށް ބަލި ހާލުގައި އުޅެފައި މިދިޔަ އަހަރުގެ އެޕްރީލްމަހުގެ 29 ވަނަ ދުވަހު އެވެ.