ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަރުވި މީހާއާމެދު އަމަލު ކުރީ އެޗްޕީއޭއިން އެންގި ގޮތައް: ހޮސްޕިޓަލް

Apr 29, 2020

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުގައި މަރުވި އުމުރުން ދުވަސްވީ މީހާއާ މެދު އަމަލު ކޮށްފައި ވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ސަމަދު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި ގދ. މަޑަވެލި، އާގޭ، ހަސަން އަހުމަދު 87، ގެ އާއިލާއިން ވަނީ އޭނާއާ މެދު ހޮސްޕިޓަލުން އަމަލު ކުރި ގޮތާމެދު ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާ ވަޅުލީ ހިނެވުމަކާ ނުލައި ކަމަށާއި ކޮވިޑް-19 އަށް ޓެސްޓު ނުކޮށް ލަަސް ކުރި ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.

އެކަމާ ގުޅިގެން ސަމަދު ހޮސްޕިޓަލް އިން ނެރުނު ބަޔާނެއްގައި ބުނީ މަރުވި ހަސަން އަހުމަދުގެ ކިބައިގައި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ގެ އަލާމާތްތައް ހުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރި ކަމަށާއި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިދިޔަ އާދީއްތަ ދުވަހު އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެއަށް ފަހު މާލެ ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ މަރުވި ކަމަށެވެ.

ކަށުނަމާދުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ގދ. މަޑަވެއްޔަށް ގެންދިޔުމަށް އާއިލާއިން އެދުމުން އެ ހާލަތުގައި އެޗްޕީއޭއިން އަމަލު ކުރަން ނިންމާފައިވާ ނިންމުން އާއިލާއާ ހިއްސާކޮށްފައިވާ ކަމަށާއި މައްޔިތާ އާއިލާއާ ހަވާލު ކުރުމަށް ފަހު ޖަމާއަތްތެރިން ހޯދުމުގަ އާއި ވަޅުކޮންނާނެ އިންތިޒާމްތައް ތިނަދޫ ކައުންސިލާ ގުޅިގެން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މައްޔިތާ ހިނަވާ ގެއަށް ގެންދިޔުމުގެ ކުރިން ޖަމާއަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ފަރާތްތައް ހޮސްޕިޓަލަށް ގެންގޮސް ހިނަވަން ލާން ޖެހޭ ޕީޕީއީ ސޫޓްގެ ބޭނުމާއި އެ ސޫޓް ލާން ޖެހޭ ގޮތް ކިޔައިދީފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"... ހޮސްޕިޓަލުން މިކަމުގައި އަމަލު ކޮށްފައިވާނީ އެޗްޕީއޭ އިން ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމުގަި ދަންނަވަން،" ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް-19 އާ އެއްގޮތް ސާރީގެ އަލާމާތްތައް ފެނުން ހިސާބުން ފެށިގެން އައިސީޔޫގައި މަސައްކަތް ކުރާ މުއަައްޒަފުން އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަރުވި މީހާ ވަޅުލުމުގެ ކަންކަން ހޮސްޕިޓަލުން ކުރިޔަށް ގެންދިޔައީ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށާއި ނަމަވެސް އޭނާ ހިނަވަން އެޗްޕީއޭ އިން ލަފާ ދީފައި ވަނިކޮށް އޭނާ ވަޅުލީ ތަޔަމްމަމްކޮށްފައި ކަމަށެވެ.

މަރުވި މީހާގެ މޫނު ދައްކަން ދެކޮޅު ހެދި ކަމަށް އާއިލާއިން ތުހުމަތު ކުރާއިރު ހޮސްޕިޓަލުން ނެރުނު ބަޔާނުގައި އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނެތެވެ.