ކުރީގެ ގިނަ ފިލްމުތަކަކުން މަޝްހޫރުކަން ހޯދި ކުޅަދާނަ އެކްޓަރު ރިޝީ ކަޕޫރު މަރުވެއްޖެ އެވެ. އޭނާ ހާލު ދެރަވެގެން ބުދަ ދުވަހު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ. އަދި މިއަދު ހެނދުނު އޭނާ ވަނީ މަރުވެފަ އެވެ.
ރިޝީ އަކީ 2018 އިން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހެކެވެ. އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީއްސުރެ ގިނަ ދުވަސްތަކަކު އެމެރިކާގައި ހުރެގެން ފަރުވާ ހޯދާފައި ވެއެވެ. ފަރުވާއަށް ފަހު ރިޝީ އެނބުރި މުމްބައި އަށް އައިސްފައިވަނީ މިދޔަ ސެޕްޓެމްބަރު މަހު އެވެ.
ރިޝީގެ ބޭބެ ރަންދީރު ކަޕޫރު ވަނީ އޭނާގެ ކޮއްކޮ މަރުވިކަން ޔަގީންކޮށްދީފަ އެވެ. އަދި ރިޝީގެ ގާތް އެކުވެރިޔާ، ފިލްމީ ތަރި އަމީތާބު ބައްޗަން ވެސް ވަނީ ރިޝީ މަރުވެއްޖެ ކަމަށް ބުނެ ޓުވީޓްކޮށްފަ އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ރިޝީގެ އަންހެނުން ނީތޫ ސިންގް ވަނީ އޭނާ އާއި ރިޝީ ކާން ތިބެ ނަގާފައިވާ ފޮޓޮއެއް ޓުވީޓްކޮށްފަ އެވެ. އަދި މިގޮތަށް އެކުގައި ކާން ތިބެލަން މި ލިބުނީ ވަރަށް ދިގު މުއްދަތަކަށް ފަހު ކަމަށް ނީތޫ ބުނެފައި ވެއެވެ.
ރިޝީ އެންމެ ފަހުން ފެނިފައިވަނީ ނެޓްފްލިކްސްގެ ވެބް ސީރީޒް "ދަ ބޮޑީ" އިންނެވެ. އަދި މިއަހަރުގެ ކުރީކޮޅު ދިއްލީގައި އޮތް ފިލްމެއްގެ ޝޫޓިންގެއްގައި ވެސް އޭނާ ބައިވެރިވި އެވެ.
ރިޝީ ކަޕޫރަކީ ބޮލީވުޑްގެ އެންމެ ވިދާ ކަޕޫރު އާއިލާގެ މެމްބަރެކެވެ. އޭނާގެ ބައްޕަ ރާޖް ކަޕޫރުގެ ތިބި ތިން ފިރިހެން ދަރިންގެ ތެރެއިން މެދަށް ހުންނަނީ ރިޝީ އެވެ. އެންމެ ދޮށި ރަންދީރެވެ. އަދި ހަގީ ރާޖިވް ކަޕޫރެވެ.
ރިޝީ ފިލްމީ ދުނިޔެއަށް ނުކުތީ އޭނާގެ ބައްޕަގެ "މޭރާ ނާމް ޖޯކަރް"ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ. މި ފިލްމު ކުޅެން އެންމެ މޮޅު ޗައިލްޑް އާޓިސްޓްގެ ނެޝަނަލް އެވޯޑު އެފަހަރު އޭނާ ހޯދާފައި ވެއެވެ.
ޒުވާން އެކްޓަރެއްގެ ގޮތުގައި ފިލްމީ ދުނިޔެއަށް ރިޝީ ތައާރަފްކޮށްދިނީ 1973 ގައި އޭނާގެ ބައްޕަ އުފެއްދި "ބޮބީ"އިން ޑިމްޕަލް ކަޕާޑިއާ އަ އެކުގަ އެވެ. މި ފިލްމު ރިލީޒްވުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިޝީ އަކީ އިންޑިޔާގައި އަލަށް ވިދަން ފެށި އެންމެ އަލިގަދަ ތަރިއަށް ވެގެން ދިޔަ އެވެ.
ރިޝީ އެންމެ ފަހުން ކުޅެފައިވަނީ 2018ގައި އަމީތާބު އާއެކު ކުޅުނީ "102 ނޮޓް އައުޓް" އެވެ.
ރިޝީ އަންހެނުން ނީތޫ އަކީ ވެސް ކުރީގައި ގިނަ ފިލްމުތަކެއް ކުޅުނު މަޝްހޫރު ބަތަލާ އެކެވެ. އޭނާގެ ފިރިހެން ދަރިފުޅު ރަންބީރު ކަޕޫރަކީ މިހާރުވެސް ފިލްމު ކުޅޭ ވަރަށް ކުޅަދާނަ އެހާމެ ކާމިޔާބު އެކްޓަރެކެވެ. އަންހެންދަރިފުޅު ރިދިމާ ސަހާނީ އަކީ ގެވެހި އަންބެކެވެ.
ރިޝީ މިއަދު މަރުވިއިރު އިއްޔެވެސް ވަނީ ބޮލީވުޑްގައި މަސައްކަތްކުރާ ކުޅަދާނަ އެކްޓަރަކު މަރުވެފަ އެވެ. އިރްފާން ޚާން ވެސް މަރުވީ ކެންސަރު ބަލީގައި ދެ އަހަރެއްހާ ދުވަހު އުޅުމަށްފަހު އެވެ.