ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ހޭދަކުރި ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރު ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ 16 ވަނަ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ތަކަށް 448.5 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ދައްކާފައިވަނީ 418.3 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުގައި ލޯނު ތަކަށް ދައްކަން ކަނޑައަޅާފައި ވަނީ 1.8 ބިލިއަން ރުފިޔާ އެވެ.
ކޮވިޑް-19 އާ ގުޅިގެން މި އަހަރު ރާއްޖެ އަށް ލިބޭނެ އާމްދަނީ ދަށްވާނެތީ، ސަރުކާރުން ވަނީ ރާއްޖޭން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭ ތޯ މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ދަނީ ދުނިޔޭގެ 10 މާލީ އިދާރާ އަކުން 215 މިލިއަން ޑޮލަރުގެ ލޯނު ހޯދަން މަސަައްކަތް ކުރަމުންނެވެ.
ރާއްޖޭން ރަސްމީކޮށް ލޯނެއް ނަގާފައިވަނީ އޮކްޓޫބަރު 4، 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ވެރިކަމުގަ އެވެ. އެ ފަހަރު ލޯނު ނަގާފައިވަނީ ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން ހިންގި ފަސްޓް ފިޝަރީޒް މަޝްރޫއު އަށެވެ. އެ ފަހަރު ނަގާފައިވަނީ 2.4 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެކެވެ. މި ލޯނު ނަގާފައިވަނީ ވޯލްޑް ބޭންކްގެ ގޮތްޕެއް ކަމަށްވާ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ނެވެ. އޭގެ ފަހުން މިހާތަނަށް 22 ފަރާތް ތަކުން ރާއްޖޭން ލޯނު ނަގާފައިވެ އެވެ. ރާއްޖެ އަށް މިހާތަނަށް އެންމެ ގިނަ އިން ލޯނު ދީފައިވަނީ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން/ ވޯލްޑް ބޭންކް އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ) އިންނެވެ. މިހާތަނަށް އެންމެ ގިނަ އިން ލޯނު ނަގާފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި 42 ލޯނެއް ނަގާފައިވެ އެވެ.
ރާއްޖެ އަށް މިހާތަނަށް އެންމެ ބޮޑެތި ލޯނުތައް ދީފައިވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (2006 ގައި) ސުނާމީއާ ގުޅިގެން ދިން 50 މިލިއަން ޔޫރޯގެ ކްރެޑިޓް ލައިނާއި ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ (2010 ގައި) 1،000 ފްލެޓް އަޅަން ދީފައިވާ 481 މިލިއަން ޔުއާންގެ ލޯނެވެ.