ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަށުން ބޭރަށް ދަނިކޮށް ތިން މީހަކު ހައްޔަރުކޮށްފި

May 1, 2020

އއ. ހިމަންދޫ ޓާސްކް ފޯހުގެ ހުއްދައެއް ނެތި ރަށުން ބޭރަށް ދާން އުޅެނިކޮށް ފެނުނު ތިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ރޭ 11:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ، 28 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ތިން މީހުން ޑިންގީއެއްގައި ރަށުން ފުރި ތަނާ އެ ރަށުގެ ޓާސްކް ފޯހަށް ފެނިގެން ޓޯޗުން ޑީންގީއަށް އަލިކޮށް ހެދުމުން އަނބުރާ ރަށަށް ސިއްރުން އަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 468 މީހަކު ފެނި އެކަކު މަރުވެފައިވާއިރު، އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް މުޅި ރާއްޖެ ވަނީ ލޮކްޑައުނަކަށް ގެނެސްފަ އެވެ. ބައެއް ރަށްރަށުގައި އަމިއްލައަށް އިސް ނަގައިގެން ކާފިއު ހިންގާއިރު، ބައެއް ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

އެމަޖެންސީތަކުގައި ދަތުރުކުރަން އެޗްޕީއޭ އާއި ފުލުހުންގެ އިތުރުން ރަށުގެ ޓާސްކް ފޯސް އިން ހުއްދަ ދޫކުރާއިރު، ހުއްދައެއް ނެތި ނުވަތަ އެ އިދާރާތަކުގެ އެންގުމާ ހިލާފަށް ދަތުރު ކުރާ ފަރާތްތަކަށް ފުލުހުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.