ކޮވިޑް-19 އަށްފަހު ޔޫރަޕުގެ ގައުމުތަކުގެ ލޮކްޑައުންތައް ތަކަށް ލުއިތަކެއް ދީ ހުޅުވަމުން ދާތީ، މަހުގެ އަގު ރަނގަޅުވަމުން ދިއުމާއެކު ރާއްޖޭގައި ކަންނެލި ގަންނަ އަގު ބޮޑުކޮށްފި އެވެ.
މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ޔޫރަޕަށް ބޮޑު ކަންނެލި ވިއްކަން ހުރި ދަތިތަކަށް ކޮންމެ ވެސް ވަރެއްގެ ލުއި ތަކެއް ލިބިފައިވާ ކަމަށެވެ. އަދި ދިވެހި މަހަށް ޔޫރަޕުގައި އޮތް ޑިމާންޑު ވެސް މަތިވާން ފަށާފައިވާ ކަމަށެވެ.
ދިވެހި ފިނި ކުރި ބޮޑު ކަންނެއްޔަށް ޔޫރަޕުގައި އޮތް ޑިމާންޑް މަތިވަމުން ދިއުމާއެކު، މަސް ގަންނަ ކުންފުނި ތަކުން ވަނީ ރާއްޖޭގައި މަސް ގަންނަ އަގު ވެސް މަތިކޮށްފަ އެވެ. ކޮވިޑުގެ ހާލަތު ފެށުނުއިރު ބޮޑު ކަންނެލި ކިލޯއެއް 25ރ. އަށް ގަތް ނަމަވެސް މިހާރު ކަންނެލި ގަންނަނީ ކިލޯއެއް 60ރ. އަށެވެ.
އެމްއެސްޕީއީއޭ އިން ބުނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ މަސްވެރިން މަހަށް ނުކުންނަ އަދަދު މަދު ދުވަސް ވަރަކަށް ވުމާއެކު، ޔޫރަޕަށް އެކްސްޕޯޓް ކުރަން ބޭނުންވާ ވަރަށް މަސް ލިބުމުގައި ދަތިތަކެއް އޮންނަ ކަމަށެވެ.
"މި ވަގުތަކީ ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓް ކުރާ ފިނި ކުރި ރޯމަހަށް އޮތް މާކެޓް ގެއްލުނަ ނުދީ ހިފެހެއްޓުމަށް
ދިވެހި މަސްވެރިން ހިއްވަރާއެކު މަސައްކަތްކުރަން ޖެހިފައިވާ ވަގުތެކެވެ. ދިވެހި އިގްތިސޯދުގެ މައި ކައްޓަކީ މަސްވެރިކަން
ކަމުގައި ވާއިރު މިއީ އިގްތިސޯދުގައި މަސްވެރިންގެ ރޯލު ދެމެހެއްޓުމަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އަދި ދިވެހި އިގްތިސޯދަށް ބޭނުންވާ ޑޮލަރު ލިބުމަށް އޮތް އެންމެ މުހިއްމު ސިނާއަތަކީ ވެސް މިހާރު މަސްވެރިކަމުގެ ސިނާއަތެވެ. އެހެންކަމު މި ފުރުސަތުގެ ބޭނުން ހިފުމަކީ، ގައުމުގެ އިގްތިސާދު ދެމެހެއްޓުމާއި މަސްވެރި އާއިލާ ތަކަށް ވެސް މި ވަގުތު ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ނުހަނު މުހިއްމު ކަމެކެވެ،" އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ކަޅު ބިލަ މަހުގެ މަސްވެރިކަން ކުރާ މަސްވެރިން ވެސް ހިއްވަރާއި އެކު މަހަށް ނުކުންނަމުން ދާއިރު، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތް ތަކުން ވެސް މިހާލަތުން އަރައިގަތުމަށް އައު ހިއްވަރަކާއި އެކު މަހަށް ނުކުންނަން އެބަޖެހެ އެވެ.