ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކޮންޕްރޮމައިޒްކޮށް، ސަރުކާރުގެ ތެރެއަށް ހިސޯރުވުމަށް ކުށްވެރިންނަށް ފުރުސަތު ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު، ހަމީދުގެ ދިފާއުގައި ނުކުންނެވީ ސޯޝަލް މީޑިއާގައި ހަމީދަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އޭނާއަށް ފާޑުކިޔުންތައް އަމާޒުވާން ފެށީ ރޭ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ ފޮޓޯތަކަކާ ގުޅިގެންނެވެ.
އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދިން މީހުން، ރޭ ޓްވިޓާގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ހަމީދު ކަމަށް ބެލެވޭ މީހަކު، އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީކުރަމުންދާ ތަނެވެ. މި ފޮޓޯތަކާ ގުޅިގެން ހަމީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ހަމީދުގެ އަނބިކަނބަލުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ކޮއްކޮ އެވެ. އަދި، ރައީސް ނަޝީދާއި ހަމީދުގެ އަނބިކަނބަލުންނަކީ ދެބެންގެ ދެދަރިންނެވެ.
"ސީޕީ ހަމީދު ކޮންޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ވައްކަމާއި ކޮރަޕްޝަނާއި ހައްދުފަހަނަ އެޅި މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރަން ޖާގައެއް ނުދެވޭނެ، ސީޕީ ހަމީދަކީ އިހްލާސްތެރި ޕޮލިސް ކޮމިޝަނެއް،" ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
އެޗްޕީއޭ ވެބްސައިޓް ހެކްކުރި މީހުން ވަނީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް ނާޅާނަމަ ސަރުކާރު ބޭޒާރު ކުރަމުންދާނެ ކަމުގެ އިންޒާރު ދީފަ އެވެ. ރޭ ސީޕީ ކަމަށް ބެލެވޭ މީހާގެ ފޮޓޯތަކުގެ އިތުރުން ރެޑް ކްރެސެންޓްގެ ރައީސް ކަމަށް ބެލެވޭ މީހެއްގެ ފޮޓޯއެއް ވެސް ލީކްކުރި އެވެ. އެއީ ބަނގުރާތަކަކާއެކު ހުރި ފޮޓޯއެކެވެ. އެއީ ވެސް ރައީސް ނަޝީދާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.
ހަމީދަށް މީގެ ކުރިން ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އަމާޒުވި އެވެ. ސީޕީ ހަމީދަކީ އެމްޑީއެންގައި އެއް އިރެއްގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެމްޑީއެންއިން ނެރުނު ދީނާ ހިލާފު ރިޕޯޓާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ ފުލުހުންނަށް ވެސް ގިނަ ފާޑުކިޔުންތަކެއް އޭރު އަމާޒުވި އެވެ.