ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ހަމީދާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން މިނިވަން ތަހުގީގެއް ހިންގާ ހަގީގަތް ހާމަކުރުމުގެ ހިތްވަރު ފުލުހުންގެ އިދާރާގަައި އަދި ސީޕީގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދިން މީހުން، ޓްވިޓާގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ހަމީދު އޭނާގެ އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ ތަނެވެ. މި ފޮޓޯތަކާ ގުޅިގެން ހަމީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި މިއީ ކޮން އިރެއްގެ ފޮޓޯތަކެއް ކަމެއްވެސް ނޭނގެ އެވެ.
ހަމީދުގެ އަނބިކަނބަލުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ކޮއްކޮ އެވެ. އަދި، ރައީސް މުހައްމަދު ނަޝީދާއި ހަމީދުގެ އަނބިކަނބަލުންނަކީ އާއިލީ ދެ ބޭފުޅުންނެވެ.
މި މައްސަލައާއި ގުޅޭގޮތުން ޖަމީލު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުގައި ރާއްޖެއާއި ދުނިޔެ ވެސް ވަނިކޮށް ފުލުހުންގެ އެންމެ އިސްވެރިޔާއާ ގުޅޭގޮތުން އިވެމުންދަނީ ބިރުވެރި އަޑުތަކެއް ކަމަށެވެ. އަދި މުސްލިމުންގެ އެންމެ މަތިވެރި މައްސަރުތެރޭ ތިއްބާ މިފަދަ މަންޒަރުތަކެއް ފެނަން ފޮޓޯތަކެއް އާންމުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޖަމީލް ވިދާޅުވީ މި ތުހުމަތުގެ މިނިވަން ތަހުގީގެއް ހިންގުމަށްފަހު އެކަމުގެ ހަގީގަތް ހާމަކުރުމުގެ ހިތްވަރުު ފުލުހުންގެ އަދި ސީޕީގެ ހުންނަންވާނެ ކަމަށެވެ.
ސީޕީ ހަމީދުގެ ދެމަފިރިން ފެންނަ ކަމަށް ބުނާ ފޮޓޯތަކެއް ދެ ރޭ މަތިން ލީކްކޮށްލާފަައިވާއިރު މި މައްސަލާގައި ހަމީދު ދިފާއު ކުރައްވާ އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ރައީސް ނަޝީދެެވެ. ރައީސް ނަޝީދު ވިދާޅުވީ ހަމީދަކީ އިހުލާސްތެރިއެއް ކަމަށެވެ.
"ސީޕީ ހަމީދު ކޮންޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ވައްކަމާއި ކޮރަޕްޝަނާއި ހައްދުފަހަނަ އެޅި މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރަން ޖާގައެއް ނުދެވޭނެ، ސީޕީ ހަމީދަކީ އިހްލާސްތެރި ޕޮލިސް ކޮމިޝަނަރެއް،" ނަޝީދު ވިދާޅުވި އެވެ.
އެޗްޕީއޭ ވެބްސައިޓް ހެކްކުރި މީހުން ވަނީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް ނާޅާނަމަ ސަރުކާރު ބޭޒާރު ކުރަމުންދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހަމީދަށް މީގެ ކުރިން ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އަމާޒުވި އެވެ. ހަމީދަކީ އެމްޑީއެންގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެ ޖަމާއަތް ތަމްސީލް ކުރުމަށް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައި ވެސް ވެއެވެ. އެމްޑީއެންއިން ނެރުނު ދީނާ ހިލާފު ރިޕޯޓާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ ފުލުހުންނަށް ވެސް ގިނަ ފާޑުކިޔުންތަކެއް އޭރު އަމާޒުވި އެވެ.