ހަބަރު

ފޮޓޯގެ މައްސަލަ ބަލަން އިދިކޮޅުން އެދިއްޖެ

ބަޔަކު ބަނގުރަލާއެކު ޕާޓީ ކުރަމުންދާ ތަނެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހުންނަވައި އެކަމުގައި ބައިވެރިވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑީއޯ އާއި ފޮޓޯގެ މައްސަލަ ބަލައި ދޭން އިދިކޮޅުން ހޯމް މިނިސްޓަރުގެ ކިބައިން އެދެފި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހިންގެ ބަޔަކު ބަނގުރަލާއެކު ޕާޓީކުރާ ތަނެއްގައި ސީޕީ ހަމީދު ބައިވެރިވެ ވަޑައިގަންނަވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންނާއި ވީޑިއޯ ތަކުން ފެންނަަ ކަމަށެވެ.

އަދި އެ ފޮޓޯ އާއި ވީޑިއޯ އިން އޭނާ އެކަން ހުއްޓުވަން އުޅޭތަން ނުފެންނަ ކަމަށާއި އެފަދަ ތަނެއްގައި ސީޕީ ހުންނެވުމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ކުރަމުންދާ އަމަލަކަށް ހިތްވަރުދޭކަން ހާމަވާ ކަމެއް ކަމަށެވެ.