އއ. ތޮއްޑޫ ސިއްހީ މަރުކަޒަށް ވިހަން ގެންދިޔަ އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވިހަން ގެންދިޔަ މީހާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ތޮއްޑޫ ސިއްހީ މަރުކަޒަށް ވިހަން ގެންދިޔަ މީހާއަށް ހިދުމަތް ނުދެވި ބަނޑަށް ދަރިފުޅު މަރުވެފައިވާ ކަމަށެވެ. އަދި ދެވޭނެ ފަރުވާއެއް ނެތުމުން މާލެއާއި އެއަތޮޅު ރަސްދޫ އަށް އެ އަންހެން މީހާ ގެންދިޔުމަށް ހުއްދައަށް އެދުމުން އެކަމަށް ރަށު ކައުންސިލުންނާއި ޓާސްކްފޯހުން ހުއްދަ ދީފައިނުވާ ކަމަށެވެ.
ތޮއްޑޫ އިން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައިވަނީ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ދެމަފިރިންގެ ތިބެނީ ދެ އަންހެން ކުދިން ތިބެއެވެ.
އޭނާ ވަނީ އެޗްޕީއޭ އިން އަންގާ ގޮތަށް ވުރެ ހަރުކަށި ފިޔަވަޅުތަށް ކައުންސިލުން އަޅަމުންގެންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
މި ޕޯސްޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުންގެ ތޮއްޑު ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ އެ މައުލޫމާތު އޭނާ އަށް ލިބުނު ވަގުތުން ފެށިގެން މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ނައިބު ރައިސްގެ ބެެއްލުވުމުގެ ދަށުން އެ މައްސަލަ ތަހްގީގު ކުރަމުން ގެންދަވާ ކަމަށާއި އެފަދަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރައްވާނެ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ތޮއްޑޫ ކައުންސިލް ރައީސް ހަދީޖާ ނިއުޝާ ވިދާޅުވީ އެމަޖެންސީ ހާލަތެއްގަ ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދިޔުމަށް މިހާތަނަށް އެއްވެސް މީހަކަށް ހުއްދަ ނުދީފައި ނުވާނެ ކަމަށާއި އާއިލާއިން ދައްކާ ވާހަކަ އަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންވެސް އެއްޗެއް ނުބުންޏެވެ.