ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓް ހެކްކޮށް ސަރުކާރަށް އިންޒާރުތަކެއްދީ ޓްވީޓްތަކެއް ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެކައުންޓް ހެކްކޮށް އެ އެކައުންޓުން މިރޭ ކުރި އެއް ޓްވީޓެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެ ގައުމުގެ ރައްޔިތުންނަށް އެހީވަމުންދާ ކަމަށެވެ. ދިވެހި ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ނުދެނީ ކީއްވެތޯ ވެސް އެ ޓްވީޓްގައި ސުވާލުކޮށްފައިވެ އެވެ.
އެ ޓްވީޓުގައި އިތުރަށް ބުނެފައި ވަނީ ސަރުކާރުގެ އެތެރޭގައި ސަރުކާރުގެ އިސް ބޭފުޅުން ހިންގަމުންދާ ހަޑި އަމަލުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތުތައް ވެސް ލިބިފައިވާ ކަމަށެވެ. ރައްޔިތުންގެ ފައިސާއިން ސަރުކާރުގެ އިސް ބޭފުޅުން ކުރަމުންދާ ގެންދާ ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް އެ އެކައުންޓުން ކުރި ޓްވީޓެއްގައި ބުންޏެވެ.
ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ އެކައުންޓް ހެކް ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓާ އެކައުންޓް މިރޭ ހެކް ކުރިއިރު، ދާދި ފަހަކުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދެމުންދާ ވީޑިއޯއެއް ސައިޓަށް ލައިފަ އެވެ. ފަހުން ސައިޓް ރަނގަޅުކޮށް ވީޑިއޯ ނެގި އެވެ. ފުލުހުން ދަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ކޮވިޑް-19 އާ ގުޅޭ ގިނަ މައުލޫމާތުތައް ހިމެނޭ އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ބަޔަކު ވަނީ އިންޒާރުދީފައެވެ. އެފަހަރުވެސް ހެކްކުރި މީހުން ވީޑިއޯއެއް މެދުވެރިކޮށް ބުނެފައިވަނީ ސަރުކާރުން ކޮވިޑް-19 އިހުމާލުވެފައިވާ ކަމަށާއި އަޅާފައިވާ ފިޔަަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ނަމަވެސް އިތުރަށް މަޑު ނުކުރާނެ ކަމަށާއި ކޮމްޕިއުޓާ ސާވާތަކަށް ހަމަލާދީ ދައުލަތުގެ ސިއްރު މައުލޫމާތުތަކާއި ޑޮކިއުމަންޓުތައް ހާމަ ކުރާނެ ކަމަށެވެ. އަދި މިހާރުގެ ރޭވުންތަކަށް ބަދަލު ނުގެންނަހާ ހިނދަކު އެ ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.