ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މޮނިޓަރިންގަ، އެކަމަކު ދޫވެފައިވާ ބިދޭސީންގެ ގެއެއް

ކޮވިޑްގެ-19 ގެ ނުރައްކާތެރި ވިލާގަނޑުގެ ވާރޭ ރާއްޖެއަށް އޮއްސާލިތާ 70 ދުވަސްވީ އެވެ. މާލެއިން ބަލި މީހަކު ފެނުނުތާ މަސް ދުވަސްވީއިރު ހާހަކަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ. އޭގެ ތެރެއިން 700 މީހުންނަކީ ބިދޭސީންނެވެ. އެ މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅޭ ބަންގަލްދޭޝްގެ ރައްޔިތުންނެވެ. ގާނޫނާއި އެއްގޮތަށާއި ގާނޫނާ ހިލާފަށް އުޅެމުންދާ މީހުނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ވެސް ބިދޭސީންގެ ތެރޭގައި މި ބަލި ފެތުރުމުގެ ބިރެކެވެ. އެ މީހުންގެ ދިރިއުޅުގެ ވައްޓަފާޅި ހުންނަ ގޮތުން ގައިންގަޔަށް އަރާ ބައްޔެއް ވަރަށް ބާރު ސްޕީޑެއްގައި ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

ބައެއްގެ އިހުމާލުން ނަމަވެސް ރާއްޖޭގައި ބިދޭސީން ދިރިއުޅެނީ ވަރަށް ދަތި ހާލުގަ އެވެ. ކުދިކުދި ތަންކޮޅުކޮޅުގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅެ އެވެ. އެ ތަންތަނުގެ ސާފުތާހިރުކަން އިންތިހާއަށް ކުޑައެވެ. އެކަމަކު އެމީހުން ވަނީ އެ ދިރިއުޅުމަށް ރަނގަޅަށް ހޭނިފަ އެވެ. މި ހުރިހާ ދުވަހު ވެސް އެ މީހުންގެ ދިރިއުޅުން އޮތް ގޮތް އެނގެ އެވެ. ސަރުކާރަށް ވެސް އެނގެއެވެ. ކޮންމެވެސް ސަބަބަކާހުރެ މިދިއަ ދިގު ޒަމާންތަކުގައި ވަރިހަމަ ކޮށްލައިގެން ތިބީ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ބޮޑު ނުރައްކާ އޮތީ ބިދޭސީންގެ ފަރާތުންނެވެ. މިއަދާއި ހަމައަށް ވެސް އެފަދަ އެތައް ހަބްތަކެއް ވަނީ ފެނިފަ އެވެ. ބައެއް ތަންތަނުން 100 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވެއެވެ. އެހެން ކަމުން ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ކުޑަކުރަން ބިދޭސީން ދިރިއުޅޭ ތަންތަނަށް ހާއްސަ ނަޒަރަކުން ބަލަން ޖެހިފައި ވެއެވެ.

ވަރިހަމަ ކޮށްލި ބިދޭސީ ހަބްތައް ދޫކޮށްލައިގެން ތިބެވޭކަމަށް ނެތެވެ؛ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ފުލުހުން ވަނީ އެފަދަ 33 ތަނެއް ފާހަގަ ކޮށްފަ އެވެ. އެއިން ކޮންމެ ތަނެއްގައި އެތައް ބިދޭސީނެއް ދިރިއުޅެ އެވެ. ތިން ހަތަރު ޝިފްޓަށް މީހުން އެ ތަންތަނުގައި ނިދަ އެވެ. އެފަދަ ތަންތަން މިހާރު ހުރީ ވަދެ ނުކުތުން މަނާ ކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި އެ ތަންތަން 24 ގަޑިއިރު މޮނިޓާ ކުރަމުން ދެއެވެ. ފުލުުހުން އެތަންތަނުގައި ފޯރިމަރަމުން ވެސް ދެ އެވެ. އެއްވެސް ބަޔަކަށް އެއިން ތަނަކަށް ވަދެ ނިކުމެ އުޅުން މަނާވާނެ އެވެ. ސުވާލަކީ ރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އޯޑަރާ އެއްގޮތަށް ހަގީގަތުގައި ވެސް އެތަންތަން މޮނިޓަރު ކުރޭ ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ހުރިހާ ތަނެއްގައި ކަން ހިނގަމުންދަނީ އެހެން ނޫނެވެ.

ފުލުހުން ގޮސް އެ ގެތަކުގެ ދޮރުމަތީ ވަނުން މަނާ ގެއެއްކަން އަންގަން ޓޭޕް ދަމާފައި ހުރެއެވެ. އެ މީހުންގެ ހަރަކާތްތައް ބަލަން އެ މީހުންގެ ކަންކަން މޮނިޓާ ކުރުމަށް ފުލުހުން ހަރަކާތްތެރި ނުވާ ތަންތަން މާލޭގައި އެބަހުއްޓެވެ. މިއީ ނުރައްކާތެރި ކަމެކެވެ. އެފަދަ ގޭގޭ ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ނުރައްކާ ބޮޑެވެ. އެމީހުން ތިބެނީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

އެފަދަ އެއް ގެއެއް ހުރީ މާފަންނުގަ އެވެ. އެ ގޭގައި ބިދޭސީން ދިރިއުޅޭތާ މަސްތަކެއް ފާއިތު ވެއްޖެ އެވެ. އެ ގޭގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެމުން ދެއެވެ. އަދި މިއީ ސިއްހީ މާހިރުން އިންޒާރުދޭ ފަދަ ބޮޑު ހަބެކެވެ. ނުތާހިރުކަން ބޮޑު، ބަލި ފެތުުރުމުގެ ފުުރުސަތު ވެސް އޮތް ގެއެވެ.

އެ ގޭގައި އެންމެ ފުރަތަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރެއް ހިއްޕާފައި ވަނީ މި މަހުގެ ތިންވަަނަ ދުވަހު އެވެ. އެ އެންގުމުގައި އެ ނޯޓިސް ހަރުކުރާ ވަގުތުން ފެށިގެން 14 ދުވަސް ވަންދެން އެއްވެސް ބަޔަކު އެ ގެއަށް ވަދެ ނިކުމެ ހެދުމަކީ މަނާ ކަމެއްގައި ބުނެފައި ވެއެވެ.

އަދި އެޗްޕީއޭގެ ހުއްދަނެތި އެ ގެއަށް ވަދެ ނިކުތުމާއި އެ ނޯޓިސް ނައްޓާލުމާއި، ހަލާކު ކުރުމާއި، ނުފެންނަ ގޮތަށް ނިވާ ކުުރުމާއި ނޯޓިސްއަށް އުނި އިތުރު ގެނައުމަކީ ކުށެއް ކަމުގައި ބަޔާން ކޮށްފައި ވެއެވެ. އެހެންވީމާ އެއީ ނުރައްކާތެރި ގެއެެއްތާ އެވެ!

އޭގެ ފަހުން އެ ގޭގައި ދެވަނަ ނޯޓިސް ވެސް ހަރުކުރި އެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވާތީ އާ ކުރި ނޯޓިސްގައި ވެސް ނޯޓިސް ހަރުކުރާ ވަގުތުން ފެށިގެން 14 ދުވަސް ވަންދެން އެއްވެސް ބަޔަކު އެ ގެއަށް ވަދެ ނިކުމެ ހެދުމަކީ މަނާ ކަމެއްގައި ބުނެފައި ވެއެވެ.

ނަމަވެސް ނޯޓިސް ހިއްޕުމާއި، ފުލުހުންގެ ޓޭޕް ފަށެއް ދެމުން ނޫން އިތުރު ކަމެއް އެތާކު ނުހިނގައއެވެ. އެ ގޭގައި އުޅޭ ބިދޭސީން ގެއިން ބޭރަށް ނިކުމޭތޯ ބަލާނެ ބަޔަކު ނުތިބެ އެވެ. ރެންޑަމްކޮށް ބަަލަން އެހިސާބުން ބުރެއް ނުޖަހާ ކަމެއް ނޭނގެ އެވެ. ނަމަވެސް އެ ގޭގެ ހަރަކާތްތަކަށް ފާރަވެރިވާނެ ބަޔަކު ނެތްކަން މުޅީން ޔަގީނެވެ.

ރޭގަނޑު ގިނަ ވަގުތު އެ ގޭގެ ބިދޭސީން ހޭދަ ކުރަނީ ބޭރުގަ އެވެ. އެމީހުންގެ ރަހުމަތްތެރިން ދިއުމުން ޓޭޕްފަށް ހިއްލާލުމަށްފަހު ގޭގެ ތެރެއަށް ވައްދަ އެވެ. އަދި ގޭގައި އުޅޭ ބިދޭސީން އެކި ބޭނުންތަކަށް ގެއިން ބޭރަށް ނުކުމެ ހަދައެވެ. ކުރިމަތީ އޮންނަނީ ކުޑަކުޑަ އުނދަގުލެކެވެ. އެއީ ދޮރުމަތީގައި ޓޭޕް ފަށެެެއް ދަމާފައި އޮންނަ އޮތުމެކެވެ. އެހެންވެ ބައެެއް ފަހަރު ޓޭޕްފަށް ހިއްލާލައިގެން ނުވަތަ ކުޑަކޮށް ގުދުވެލައިގެން ބޭރަށް ނުކުންނަނީ އެވެ.

އަދި އެ ވަރުންވެސް ނުނިމެ އެވެ. އެ ގެއިން ޓޭކް އަވޭގެ ހިދުމަތް ވެސް ދެއެވެ. ބިދޭސީން ހެދިކާ ހަދާފައި ވިއްކައެވެ. ކޮންމެ ދުވަހަކުހެން ޑެލިވަރީގެ މަސައްކަތް ވެސް ހިނގި އެވެ. ގިނަ ބިދޭސީން ތަކެތި ގަންނަ އެ ގެއަށް ގޮސް އުޅެއެވެ. އެހެން ކަމުން މޮނިޓަރިންގެ ހާލަތަށް ގެންދާ ބިދޭސީ ހަބްތައް ބަލަހައްޓާ ގޮތާއިމެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. އެކަމަކު މިއީ ގިނަ ތަންތަނުގެ ހާލަތު ކަމަށް ނުވެދާނެ އެވެ. އެކަމަކު ޔަގީނުން ވެސް މި ގޭގައި ކަން ހިނގަނީ މިހެންނެވެ.

ގެ ކައިރި އަވައްޓެރިއަކަށް ވެސް އެެގެއިން މީހަކު ނިކުމޭތޯ ބަލާނެ ފުލުހަކު ހުއްޓާ ނުފެނެ އެވެ. ފުރަތަމަ ނޯޓިސްއަށް 14 ދުވަސް ހަމަވެ، ދެވަނަ ނޯޓިސްއަކާއެކު އިތުރު 14 ދުވަސް ފެށުނީ އެވެ. މިދިޔަ ދުވަސްތަކުުގައި އެފަދަ ކަމެއް އަދި ނުހިނގަ އެވެ.

މިކަމާއި ގުޅޭގޮތުން ކަމާގުޅޭ މުއައްސަސާއެއްގެ ބަހެއް ވެސް ނުލިބެއެވެ. އެންއީއޯސީން ބުނާ ގޮތުގައި ތޮއްޖެހިގެން ބިދޭސީން އުޅޭ 33 ތަނެއް މޮނިޓަރިންގެ ހާލަތުގައިވެ އެވެ. އަދި އެތަންތަނުގައި އުޅޭ ބިދޭސީންގެ ސާމްޕަލްތައް ނަގައި ބަލި ހުރި މިންވަރު ދެނެގަންނަމުންދެ އެވެ. ބައެއް ތަންތަނުގައި ތިބި 99 ޕަސެންޓް މީހުންނަށް ބަލިޖެހިފައި ވެއެވެ. އެހެން ކަމުން އެތަންތަނުގައި ފުލުހުން 24 ގަޑިއިރު ފޯރިމަރަމުންދެ އެވެ.

މީގެ އިތުރުން އެ ގެތަކުގައި އުޅޭ ބިދޭސީންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށް ދެމުންދާނެ އެވެ. މި ނޫން ޖަވާބެއް އަދި ނުލިބެއެެވެ. އެހެންވެ ކިޔާއެއްޗަކާ މަންޒަރާ ދިމައެއް ނުވެއެވެ.