ކޮވިޑް-19 އިގެ ހާލަތު ހިސާބަކަށް ރަނގަޅު ވަމުން ދާތީއާއެކު ސަރުކާރުން މިހާރު ފައި ނަގާފައި ވަނީ "ނިއު ނޯމަލް" ގެ ހާލަތުގައި ސަރުކާރު އަލުން ހުޅުވައި މަސައްކަތާއެކު ހިނގައިގަންނާށެވެ. އެކަމަށްޓަކައި އެތެރޭގައި އެ ސައްލާތައް މިހާރު ވެސް އޮންނާނީ ފަށާފަ އެވެ. ސަރުކާރުގެ 30،000 އަށް ވުރެ ގިނަ މުވައްޒަފުން ދެ މަހުގެ ގޭ ބަންދަކަށް ފަހު އަލުން ހިދުމަތަށް ނެރޭއިރު، ކުރިމަތި ވާނެ ގޮން ޖެހުންތައް ވަރަށް ގިނަ އެވެ. އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް "ނިއު ނޯމަލް" ގައި ފުރިހަމަ ކުރުމެވެ.
ސަބަބަކީ ރާއްޖޭގެ ސިވިލް ސާވިސްގެ ބޮޑު ބައެއް މަސައްކަތް ކުރަނީ ތޮއް ޖެހިގެން އެއް އޮފީސް އިމާރާތެއްގައި ކަމަށްވާތީ އެވެ. މާލެ ފިޔަވައި އެހެން ރައްރަށުގައި ވެސް މިކަން އޮތީ ހަމަ ގާތްގަނޑަކަށް މި ގޮތަށެވެ. އެހެންވެ މިކަން ވެގެންދާނީ ކޮވިޑް-19 ގެ ދެވަނަ ރާޅެއް އުފެދުމުގެ ފުރުސަތަކަށް ކަމަށް ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވަ އެވެ.
އެހެންވެ މިހާރު ވިސްނަން ޖެހިފައި ވަނީ މިކަން ކުރެވޭނެ އަދި ކުރާނެ ގޮތެކެވެ. އެކަމަކު ކޮންމެ ގޮތެއްގައި ވެސް އާއްމުން ބޭނުން ވާނެ ހިދުމަތްތައް ސަރުކާރުން ލިބެން ޖެހެ އެވެ. ސަރުކާރާއި ރައްޔަތް ގޭބަނދަކު ވެސް ނުބޭއްވޭނެ އެވެ.
އަނެއްކޮޅުން ކޮންމެ ގޮތެއް ވިޔަސް އެއް ފަހަރާ ސަރުކާރުގެ ހުރިހާ މުވައްޒަފުން ވަޒީފާއަށް ނެރެފިނަމަ މައްސަލަތަކެއް ކުރިމަތި ވާނެ އެވެ. ދެން އޮތް ސުވާލަކީ ސަރުކާރު މުވައްޒަފުން ހިދުމަތަށް ނެރޭނީ ކިހިނެއް ހެއްޔެވެ؟ ސަރުކާރުގެ ސިސްޓަމްގެ ތެރެއިން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ވަސީލަތް ފުރިހަމަ ހެއްޔެވެ؟ އެ ޔަގީން ކަމާއި އިތުބާރާއި ސިއްރު ހިފެހެއްޓުން ފުރިހަމަ ކުރެވިފައި އެބައޮތް ހެއްޔެވެ؟
"ގޭގައި ތިބެގެން ގިނަ މަސައްކަތްތައް ކުރެވޭނެ ސަރުކާރުގެ ނިޒާމުގެ ތެރެ އިން. އެކަމަކު މަސައްކަތް މޮނީޓާ ކުރެވޭނެ، ޕާފޯމަންސް މެނޭޖުމަންޓް ސިސްޓަމެއް ސަރުކާރުގެ ތެރެއަކު ނޯންނާނެ. އެހެންވެ މިއީ ސަރުކާރު މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' އަށް ދާނަމަ، ދިމާވާނެ ޗެލެންޖަކަށް ވާނެ. މިއީ ރަނގަޅު ކުރަން ޖެހޭނެ ކަމެއް،" ސިވިލް ސާވިސް ކޮމިޝަންގައި ނުވަ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު މިހާރު ޕްރައިވެޓް ސެކްޓާގެ އިސް މަގާމެއް ފުރުއްވާ ބޭފުޅަކު ވިދާޅުވި އެވެ.
ޖެމްސް: ފުރިހަމަ ނުވުން ދައްޗަކަށްވާނެ
ގޭގައި ތިބެ ހިދުމަތް ދެވޭނީ ނިޒާމުތައް ވަރަށް ފުރިހަމަ ކޮށް ފައްކާ ކޮށްގެނެވެ. ސަރުކާރުގެ ރަސްމީ އޮންލައިން ސިސްޓަމް ގަވަމެންޓް އީލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) އަކީ ފުރިހަމަވެފައިވާ ނުވާ އަދި ގިނަ މައްސަލަ ތަކެއްގެ ތެރޭގައި އޮތް "ނާގާބިލު" ނިޒާމެކެވެ. އެ ނިޒާމު ތައްޔާރު ކޮށްފައި ވަނީ މިފަދަ ކާރިސާއަކަށް އެކަށީގެންވާ ގޮތަށް އެ ފެންވަރުގައެއް ވެސް ނޫނެވެ.
މިކަން އެނގިގެން ދަނީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމާއެކު ގިނަ އޮފީސްތަކެއްގެ މަސައްކަތް އެއްކޮށް ހުއްޓުމަކަށް ދިއުމުންނެވެ. މި ހާލަތަށް ރާއްޖެ އައިރު ވެސް ސަރުކާރުގެ މި ސިސްޓަމް ފުރިހަމަ ވެފައެއް ނުވެ އެވެ. އަދި ބައެއް އޮފީސްތަކަކީ އެއް ގޮތަކަށް ވެސް މި ސިސްޓަމުން ބޭނުން ނުކުރާ ވެސް ތަންތަނެވެ. އަނެއްބައި އޮފީސް ތަކުން އޮންލައިން މެދުވެރިކޮށް ސިޓީއެއް ފޮނުވުން ފިޔަވަޅި އިތުރު ކަމެއް އެ ސިސްޓަމަކުން ނުކުރެވެ އެވެ.
ސަރުކާރު ބަންދު ކުރަން ޖެހުނު އިރު ގިނަ އޮފީސްތަކުގެ މޭޒުމަތީގައި ފައިލްތައް ބަރި ޖަހާފައި ހުރި ގޮތަށް އެ ހުރީ އެހެންވެ އެވެ. ސިވިލް ސާވިސްގެ އޮނިގަނޑާއި ސަރުކާރުގެ އޮންލައިން ސިސްޓަމްއާ ސިންކެއް ނުވެ އެވެ. އެހެންވެ އަމިއްލަ ފަރާތް ތަކަށް ލިބެންޖެހޭ ގިނަ ހިދުމަތް ތަކެއް ހުރީ ހުއްޓިފަ އެވެ.
މިހެންވީ ސަރުކާރު ހިންގުމުގައި އޮތް މުސްކުޅި އޮނިގަނޑުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. އެހެންވެ އަދިވެސް މުވައްޒަފުންގެ ބޮޑު ބައެއް ގެއަށް ބަދަލުކޮށް މަސައްކަތް ފަށައިގަންނަން ވެސް ވަރަށް ބޮޑު ޗެލެންޖަަކަށް ވާނެ އެވެ.
ނިއު ނޯމަލްގައި "ވޯކް ފުރޮމް ހޯމް" އަށް ސަރުކާރުގެ ގިނަ މުވައްޒަފުން ދާއިރު، މިއީ ކުރިމަތި ވާނެ ބޮޑު މައްސަލަ އެކެވެ. ސަރުކާރުގައި ބައެއް މުހިންމު ހިދުމަތްތައް ދޭން ބޭނުންވާ ޑޭޓާއާއި މައުލޫމާތު ވެސް ފުރިހަމައެއް ނޫނެވެ. ސައުދީ ކަދުރު ބަހަން އުޅުނު ގޮތުން ވެސް އެކަން އެނގުނެވެ.
ރާއްޖޭގައި ފަގީރުން އުޅެމުން ދަނީ މިއަދަކު ނޫނީ އިއްޔެއަކު ނޫނެވެ. އަދި ކަދުރު ބަހަނީ ރޯދަ މަހު އެކަންޏެއް ވެސް ނޫނެވެ. އެއީ ކޮންމެ ރޯދަ މަހަކު ކުރާ ކަމެވެ. އެކަމަކު ސަރުކާރު އޮނިގަނޑުގެ ތެރޭގައި އެފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ނެތެވެ. ސަރުކާރުގައި އެކަށީގެންވާ ޑޭޓާއެއް ނެތެވެ. ކަދުރު ބެހުން މިހާތަނަށް އޮންނަ ގޮތަކީ އެ ބަހާތަނަކަށް އެ ހިފައިގެން ދިއުމެވެ. އެހެންވެ، ލޮކްޑައުންވުމާއެކު އެންމެ ބޭނުންވާ ފަރާތްތަކަށް އެ ފޯރުކޮށެއް ނުދެވުނެވެ. މައިގަނު ސަބަބަކީ މިކަން އެނގޭނެ ޑޭޓާ ނެތުމާއި ނިޒާމެއް ނެތުމެވެ.
ދެން އޮތީ ޒަކާތް ބެހުމެވެ. ގިނަ ބަޔަކު އޮންލައިންކޮށް ގޭގައި ތިބެގެން މިދަނީ ފިތުރު ޒަކާތް ދައްކަމުންނެވެ. އެކަމަކު ޒަކާތް ބެހުމާ ހަމައިން ހަމަ ގާތްގަނކަށް މި މައްސަލަ ނުކުންނާނެ އެވެ. ޒަކާތުގެ ފައިސާ އޮންލައިން މެދުވެރިކޮށް ފަގީރުންގެ އެކައުންޓްތަކަށް ދެވޭނެ ޑޭޓާއެއް ނެތެވެ. މި އަހަރަކީ ފަގީރުންގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވާނެ އަހަރެކެވެ. މިހާރު ގިނައިން ތިބީ ފަގީރުންނެވެ. އެކަމަކު އެ ޑޭޓާއެއް ސަރުކާރު އަތަކު ނެތެވެ. އެހެންވެ ބަލަނީ މިދިއަ އަހަރު ގެންގުޅުނު މުސްކުޅި ލިސްޓަށެވެ. އެ ހިސާބުން މައްސަަލަ އުފެދޭނެ އެވެ.
ދެ ޝިފްޓަށް މުވައްޒަފުން ނެރެވިދާނެ ތަ؟
ދައުލަތުގެ ނިޒާމްތަކުގެ ތެރޭގައި އޮންލައިންކޮށް މަސައްކަތް ކުރެވޭނެ އެކަށީގެންވާ ގޮތެއް ނެތް އިރު ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ބައެއް ތަޖުރިބާކާރުން ދެކެ ވަޑައި ގަންނަވާ ގޮތުގައި ސަރުކާރު ހުޅުވައި މުވައްޒަފުން މަސައްކަތަށް ނެރޭއިރު ދެ ޝިފްޓަކަށް ބަހާލައިގެން ނެރުން ފަދަ ގޮތެއް ސަރުކާރަށް ތަޖުރިބާ ކޮށްލެވިދާނެ އެވެ.
އެކަން ކުރަންވާނީ އެއް ޝިފްޓް އަނެއް ޝިފްޓާ ބައްދަލު ނުވާނެ ގޮތަކެއް ރާވައިގެނެވެ. އަދި ޝިފްޓް ބަދަލުވެ އަނެއް ބަޔަކު ނުކުންނާން ވާއިރަށް އޮފީސް ޑިސްއިންފެޓް ކުރުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް ވެސް އަޅަން ޖެހޭނެ އެވެ. މި ފަދަ ފިޔަވަޅު ތަކެއް ނޭޅިއްޖެނަމަ ސަރުކާރުގެ އޮފީހެއް އެއްކޮށް ބަލިވުމުގެ ފުރުސަތު ނެތެކޭ މިހާރު ކޮވިޑް-19 ފެތުރިފައިވާ ވަރުން ބުނެވޭކަށް ނޯންނާނެ އެވެ. މިގޮތް ދިމާވެއްޖެ ނަމަ ދެން ކުރިމަތިވާނެ މައްސަލަ މާ ބޮޑުވާނެ އެވެ.
ހުރިހާ އޮފީހެއް ހުޅުވުމުން ހަރަދުތައް ބޮޑުވާނެ
ސަރުކާރުން ބުނާ ގޮތުން ވިއްޔާ ދަނީ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އަޅަމުންނެވެ. މި ފިޔަވަޅު އަޅަނީ ކޮވިޑާއެކު އާމްދަނީ ދަށްވެފައި ވާތީ، ހަރަދު ކުޑަ ކޮށްގެން ނޫނީ ސަރުކާރު ހިންގަން ދަތިވެފައިވާތީ އެވެ. ނަމަވެސް ސަރުކާރު ނިއު ނޯމަލްގައި މުޅި ސަރުކާރުގެ ހުރިހާ އޮފީހެއް ހުޅުވައިގެން ހިދުމަތް ދޭން ފަށާފައިފިނަމަ، ސަރުކާރު ހިންގުމުގެ ހަރަދު ބޮޑު ތަނުން މަތި ވެގެންދާނެ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ބުނެފައިވާ ގޮތުގައި މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާއެކު ގެންނަ ބަދަލު ތަކުން 15 ބިލިއަން ރުފިޔާ ސަލާމަތް ވާނެ އެވެ. ނަމަވެސް މި ހާލަތުގައި ސަރުކާރުގެ ހުރިހާ އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރަން ފަށައިފިނަމަ، އިތުރު ހަރަދު ތަކެއް ހިނގައިގަންނާނެ އެވެ. އެހެން ވެއްޖެނަމަ ހަރަދު ކުޑަ ކުރަން އަޅާ ފިޔަވަޅުތަކަށް އިތުރު ދަތި ތަކެއް ކުރިމަތިވެގެން ދާނެ އެވެ. އެހެން ވުމުގެ ސަބަބަބުން މިހާރު ސަރުކާރުގެ ހުރިހާ އޮފީހެއް ހުޅުވުމަކީ ރައްކާތެރިކަމުގެ ގޮތުން ބެލި ނަމަވެސް އަދި ހަރަދުގެ ގޮތުން ބެލި ނަމަވެސް ބުއްދިވެރި ގޮތެއް ނޫނެވެ. ހަރަދު ކުޑަ ކުރަން ބަލާނަމަ އެއީ ދެކޮޅު ނުޖެހޭނެ ވެސް ކަމެކެވެ.