ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މި މަހުގެ ރީޑިން ނަގަން މީޓަރުގެ ފޮޓޯ ފޮނުވަން އެދެފި

ކަރަންޓް ރީޑިން ނަގަން ގޭގެއަށް ނުވަދެވޭތީ، މޭ މަހުގެ ރީޑިން ނަގަން ކަރަންޓް މީޓަރުގެ ފޮޓޯއެއް ފޮނުވަން ސްޓެލްކޯއިން އަންގައިފި އެވެ.

ސްޓެލްކޯ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުން މުއްދަތުގައި މީޓަރުގެ ރީޑިން ނަގަން ގޭގެއަށް ވަދެ އުޅުމަކީ ގޭގޭގައި ދިރިއުޅޭ ފަރާތްތަކަށާއި ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް ރައްކާތެރި ގޮތަކަށް ނުވާތީ، މިވަގުތަށް މީޓަރުތަކުގެ ފޮޓޯ ނެގުމަށްފަހު އެ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ކަރަންޓުގެ ހިދުމަތަށް ބިލް ކުރުމުގައި އެ ކުންފުނިން އަމަލު ކުރަމުން އަންނަ ގޮތަށް މި މަހުގެ ބިލް ހެދުމަށްޓަކައި މާލެ ސަރަހައްދުގެ ކަަސްޓަމަރުން މި މަހުގެ 23 ގެ ކުރިން މީޓަރުގެ ފޮޓޯ ފޮނުވަން އެދޭ ކަމަށް ވެސް ބުންޏެވެ.

ފޮޓޯ ފޮނުވެން ނެތް މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރަމުން އައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުން ކުރަމުން އަންނަ ގޮތަށް ބަލައި އެވްރެޖް ބިލެއް ހަދާނެ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނީ އެގޮތަށް އެވްރެޖް ބިލެއް ހެދި ނަމަވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލު ކުރުން ކަމުގައި ވާތީ އެ މިންވަރާއި އެއްހަމަ ކުުރުމަށްޓަކައި ފަހުން ފޮނުވާ ބިލްތަކަށް އެޑްޖަސްޓްމަންޓް ނުވަތަ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.