ވިޔަފާރި

އެމްޓީސީސީ އަށް 62 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މި އަހަރުގެ ފުރަތަމަ ތިން މަހު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ އެމްޓީސީސީ އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރު (ތިން މަސް ދުވަހު) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ކުއާޓަރުގައި އެ ކުންފުނިން 353 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ އެއްވެސް ކުއާޓަރެއްގައި އެ ކުންފުންޏަށް ލިބިފައިވާ ވަރުގެ ސާފު ފައިދާއެއް ނޫންނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ގެ ފުރަތަމަ ކުއާޓަރުގައި ވަނީ 45 މިލިއަން ރުފިޔާ ގެއްލުވެފަ އެވެ.

އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 354 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 79 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 72 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގަމުން ގެންދާ ކުންފުނިން މި ކުއާޓަރުގައި 53 މަޝްރޫއެއް ހިންގަމުން ދިޔަ އެވެ. އަދި ހަތަރު މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.