ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ލޮކްޑައުންގައި ދުވަސް މާ ކުރު!

ބައެއް ގައުމުތަގައި ލޮކްޑައުން ނަގައި ލުއި ދޭން ވަނީ ފަށާފަ އެވެ. ލޮކްޑައުން އުވާލާ ހަބަަރާއެކު އެންމެން ވެސް ކިޔަން ފެށީ، ގޭބަންދުގައި ހޭދަކުރި ވަގުތު ދިޔަ ގޮތުގެ އަވަސް ވާހަކަ އެވެ. ރާއްޖޭގައި ނަމަ ރޯދަ މަހެއް ނިމިގެން ދިޔަ ގޮތްވެސް ނޭނގެ އެވެ. އިއްޔެ ހަނދު ބަލައި ރޯދަ ހިފަންް ފެށިހެން ވެސް ހީވެ އެވެ. އެކަމަކު މިހާރު މިއޮތީ ރޯދަ ނިމި އީދު ތަހުނިޔާ ފަށާފަ އެވެ.

ފުރަތަމަ ލޮކްޑައުން އައުމުން ގިނަ މީހުންނަށް ހިޔާލު ކުރެވިފައި އޮތީ މިހެން ނޫން ކަމަށް ވެދާނެ އެވެ. ދުވަސް ދިގުވެ ކުރާނެ ކަމެއް ނޭނގިގެންް އުޅޭނެ އިހުސާސެއް ކުރެވުނު މީހުން ވެސް ތިބޭނެ އެވެ. ކަލަންޑަރުން ދުވަސްތައް ފޮހެވެމުން ދިޔަ ގޮތުގެ އަވަސް ކަމަށް ރިސާޗެއް ނެހެދިޔަސް ވިސްނާލުމުން ވީގޮތް އެނގޭނެ އެވެ.

ލޮކްޑައުންގައި މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ކޮންމެ ދުވަހަކު އިރުއޮއްސޭ ގަޑިއަށް ކުޑަދޮރު ކައިރި އަށް ނިކުމެލާ މަގުމައްޗަށް ބަލާލައި ގޭ ދޮރާށި ކައިރީ ހުރެ ޖެހިގެން ހުރިގޭގެ ކުދިންްނާ ސަމާސާކޮށްލާތާ މަހެއް ވެއްޖެ އެވެ. ކޮންމެ ދުވަހަކު އެއް ގޮތަކަށް ދުވަސް ދިއުމުން ދުވަސް ދާ ގޮތް އަވަސް ވާހެން ހީވާނެ އެވެ. އެއް ރޫޓީން އެއް ގެންގުޅުމުން އައިޑެންޓިކަލްް ދުވަސްތަކެއް ގުނަން ޖެހެނީ އެވެ. މީގެ ސަބަބުން ސިކުނޑީގައި ރައްކާކުރެވޭ ހަނދާންތައް މަދުވެ އެވެ.

މި މުއްދަތުގައި އަހަރުމެންގެ "މެމޮރީސް" ގެ ގޮތުގައި ރަައްކާ ކުރަން އޮންނަނީ ވަރަށް މަދު އެއްޗެކެވެ. އެއީ ގޭގައި ހުރެ ތައްޔާރު ކޮށްލި ކޮފީ ތައްޓާއި ރޭނގަޑަށް ތައްޔާރު ކުރި ކެއުން ކަމުގައި ވެސް ވެދާނެ އެވެ. ހެނދުނު ބްރެކްފާސްޓަށް ދިޔަ ކެފޭގެ ހަނދާނާއި އޮފީހުގައި ހިނގި މަޖާ ކަމެއްގެ ހަނދާނާއި ހަވީރު ދަރިފުޅު ގޮވައިގެން ދުއްވާލަން ދިޔަ ހަނދާނެއް ނެތެވެ. އެއީ މާ ކުރީގެ ހަނދާންތަކެކެވެ.

އެކަމަކު މިއީ ބައެއް މީހުންނަށް ދިމާވި ގޮތެކެވެ. ލޮކްޑައުންގައި އާއްމު ދިރިއުޅުމަށްވުރެ ބުރަކޮށް މަސައްކަތް ކުރި މީހުންވެސް އެބަ ތިއްބެވެ. ގޭގެ މަސައްކަތް ކުރަމުން އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރަމުން ދަރިން ބަލަމުންނެވެ. އެމީހުންގެ ބިިޒީ ދުވަސްތައް ވެސް ހޭދަ ކުރީ އެއް ތަނެއްގަ އެވެ. އެހެންކަމުން، އަދި މި މީހުންގެ ހަނދާންތަކުގައި ބަހައްޓަން ހުންނާނީ އަދި މާ މަދު އެއްޗެކެވެ. އެއީ 30 ދުވަހުގެ ޒޫމް މީޓިން ތަކެއް ކަމުގައި ވެސް ވެދާނެ އެވެ.

ކުރިމަގާ މެދު ވިސްނާލިން ހެއްޔެވެ؟ މި ސުވާލު މިހާރު ކުރާ ނަމަ އެންމެން ވެސް ދޭނީ ގާތްގަނޑަކަށް އެއް ޖަވާބެކެވެ. ކުރިމަގާ މެދު ވިސްނެން އޮތީ މި ކޮރޯނާ ނިމިގެން ނޫން ހެއްޔެވެ؟ އެކަމަކު މީގެ ކުރިން ނަމަ، ކުރިމަގަގީ ބަނޑުގައި އޮޮތް ދަރިފުޅު ވިހަންވާ އިރަށް ހޯދާނެ އެއްޗެހި ގަތުމެވެ. އިންނަން އުޅޭ ކުއްޖާއާއެކު ހަނީމޫން ޕްލޭން ކުރުމެވެ. ނޫން ނަމަ، އަންނަ ހަފުތާގައި އޮންނަ މީޓިން އަށް ތައްޔާރުވުމެވެ. ބޮޑެތި ޕްލޭން ތަކާއި ކުދި ޕްލޭންތަކެވެ. އެ ދުވަސް އަންނަންދެން ގަޑި ގުނާލަ ގުނާލަ އެވެ. ނޫން ނަމަ އެ ދުވަސް އަންނާތީ ދަންނަ އެންމެން ކައިރީ ޝަކުވާ ކުރުމެވެ. އެއްވެސް ޕްލޭން އެއް ނެތި، މާދަމާގެ ހާލަތަށް ތައްޔާރުވާނީ މާދަަމާ އޭ ބުނެ ދުވަހައިގެންް ކުރިއަަށް ދިއުމުން މި ދުވަސްތައް ދިޔަ ގޮތް އަަވަސްވީ އެވެ.

މިހާރު ނަމަ، އެންމެންގެ ފިއުޗާގައި ވެސް އޮތީ ކޮރޯނާ އާ ނުލައި ދިރިއުޅެވޭނެ ދުވަހެއްގެ ތަސްވީރެކެވެ. ލޮކްޑައުން އުވާލާނެ ކަމުގެ ހަބަރާއެކު ބައެއް މީހުންނަށް ގޭބަންދުގެ ދުވަސްތައް ދިޔަ ގޮތްވެސް ނޭނގެ އެވެ. ދުވަސްތައް އޮޅި މިހާރު، އިއްޔެ އާއި މިއަދާ މާދަމާ ކިޔަން ޖެހުނަސް، ފަހުން ބަލާލާނެ މެމޮރީސް ތަކެއް މި ދުވަސްތަކުގައި ރައްކާކުރާށެވެ.