ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނިޕޭޖް

ލޮކްޑައުންގައި ޖިނާއަށް ޒޫނާ ފެނިއްޖެ!

ފަތިސްހަނދުވަރުގެ ޖިނާ އާއި ޒޫނާއަކީ ރާއްޖޭގެ ފިލްމީ ދުނިޔޭގެ އެންމެ މަގުބޫލު ދެ ކެރެކްޓާ އެވެ. އެ ދެ ކެރެކްޓާއަށް އެތައް އަހަރެއް ވެގެން ގޮސްފައިވާއިރު ވެސް ޖިނާ އާއި ޒޫނާއަށް އޮތް ލޯބި އަދިވެސް ފަނޑެއް ނުވެ އެވެ. އެތައް އަހަރެއް ފަހުން ޖިނާ އާއި ޒޫނާ އަނެއްކާ ވެސް މިވަނީ ފެނިފަ އެވެ. އެކަމާ ގިނަ ބަޔަކު ވަރަށް އުފާ ވެސް ވެއްޖެ އެވެ.

ކޮވިޑް-19 އާ ބޮލީވުޑާއި ހޮލީވުޑް އަދި އެހެން ފިލްމް އިންޑަސްޓްރީތަކުގެ ތަރިން ވެސް އަމިއްލަ ގޭގައި ތިބެ އެކަމަކު އެކުވެގެން އެމީހުންގެ ސަޕޯޓަރުންނަށް މެސެޖްތައްދީ ހަދައިފި އެވެ. ކުރު ފިލްމްތައް ހަދައިދީ މީހުންނަށް ވިސްނައިދީފި އެވެ. ކޮވިޑާ ގުޅިގެން މާލެ ވެސް މިވަނީ ލޮކްޑައުންގަ އެވެ. ރާއްޖެ ވެސް މިވަނީ ސަމާލުވާން ޖެހިފަ އެވެ. އެހެންވީއިރު، ދިވެހި ފިލްމީ ތަރިން ވެސް މިކަމުގައި ކުރިއަށް ނުކުމެއްޖެ އެވެ.

މިހާރު ޔޫޓިއުބަށް ދޫކޮށްލާފައިވާ ދިވެހި ފިލްމީ ތަރިންގެ "ކުޑަ ކުޑަ ބާރު" ކުރު ފިލްމަކީ އަހުމަދު އަޒްމީލް (އަޒޭ) އިސްވެ ހުރެ ކޮށްފައިވާ މަސައްކަތެކެވެ. އޭނާ ސްކްރިޕްޓް ލިޔެ އެޑިޓްކޮށް ހަދާފައިވާ މި ވީޑިއޯއިން 13 ފިލްމީ ތަރިންނާއި އަޒޭގެ ދަރިފުޅު ޒެލޫ ފެނިގެންދެ އެވެ.

އަޒޭ ބުނި ގޮތުގައި މި ވީޑިއޯ ތައްޔާރު ކޮށްފައި ވަނީ ސްކްރިޕްޓް ލިޔުމަށްފަހު ކޮންމެ ތަރިއަކަށް ވެސް އެ ތަރިއެއްގެ ޑައިލޮގްތައް ފޮނުވައިގެންނެވެ. ކޮންމެ ތަރިއަކު ވެސް ވީޑިއޯ ކޮށްފައި ވަނީ އަމިއްލަ ގޭގައި ތިބެ އަމިއްލައަށެވެ. އެ ހުރިހާ ވީޑިއޯއެއް އެއްކޮށް، އެއް ގެއެއްގެ ތެރޭގައި ހިނގާ މުއާމަލާތްތަކެއްގެ ގޮތަށް ބައްޓަން ކޮށްފައި ވަނީ އަޒޭ އެވެ.

ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް ގިނަ މެސެޖްތަކެއް މި ވީޑިއޯގައި ތަރިން ދެ އެވެ. ގޭގައި ތިބުމާއި އަތް ދޮވުމާއި ގައިދުރު ކުރުމުގެ މުހިންމުކަން ބުނެދިނެވެ. އެކަމަކު، މީގައި އެންމެ ބޮޑު ހައިލަޓަކަށް ވެގެން ދިޔައީ ޖިނާ އެވެ. ފިލްމީ ދާއިރާއާ މިހާރު ދުރުގައި އުޅޭ ރީކޯ މޫސާ މަނިކުގެ ފެނިލުމެވެ.

މި ވީޑިއޯގައި ފެނިގެންދާ ހުރިހާ ތަރިން ވެސް ގެއްލިގެން ހޯދަމުން ދަނީ ޒޫނާ އެވެ. އެއީ މިހާރު ފިލްމް ކުޅުން ހުއްޓާލާފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ބަތަލާ، ނިއުމާ މުހައްމަދެވެ. ޖިނާގެ މަޝްހޫރު ޑައިލޮގް "ޒޫނާ ޒޫނާ" ވެސް އަލުން މި ވީޑިއޯއިން އިވިގެންދެ އެވެ. އެންމެ ފަހުން ޖިނާއަށް ޒުނާ ފެނެ އެވެ. ވީޑިއޯ ނިންމާލީ ޒޫނާގެ އަގުހުރި މެސެޖަކުންނެވެ. އަދި، ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް ޝުކުރު އަދާ ކުރަމުންނެވެ.

ދެން، ވީޑިއޯއިން އެންމެ ފާހަގަވީ އަފީފާ މުހައްމަދެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބަތަލާއިންގެ ތެރެއިން ހިމެނޭ އަފީފާ ވެސް މި ފެނުނީ ވަރަށް ދުވަހަށްފަހު އެވެ. މިހާރު ފިލްމްތައް ނުކުޅޭ އަފީފާ ވެސް ވަނީ ގިނަ މެސެޖްތަކެއް ދީފަ އެވެ. އަދި، ވީޑިއޯގައި ޖިނާއާ ބައްދަލުވަނީ ވެސް އަފީފާއާ އެވެ.

މީގެ އިތުރުން، މިހާރު ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ރަވީ އާއި ރިޝްމީ ބައްދަލުވާ މަންޒަރަކީ ވެސް ފާހަގަކޮށްލެވޭ މަންޒަރެކެވެ. އެ މަންޒަރަށް ފުރިހަމަކަން ގެނެސްދިނީ އެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ލަވައިގެ އަޑުތައް ފަހަތުން އިވެމުން ދިޔައީމަ އެވެ. ވެމްކޯގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ފިލްމީ ތަރި، އަހުމަދު ސައީދު ވެސް ވަނީ ވީޑިއޯގައި ވެމްކޯއާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކޮށްދީފަ އެވެ.

ވީޑިއޯއިން ކުޅަދާނަ، އާރިފާ އާއި ހަސަނިކު ވެސް ފެނިގެންދިޔަ އެވެ. އޭގެއިތުރުން ދެން ވީޑިއޯއިން ފެންނަނީ އައިންތު، ޖުމާ، ޝަރާ، އަޒޫ އެވެ.