ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ރާއްޖޭގެ ރޭޓިން ދަށްވިއަސް ދައްޗެއް ނެތް!

ކޮވިޑް-19 އާ ގުޅިގެން، މޫޑީސް އިންވެސްޓާ އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޑީން ދަށް ކުރި ނަމަވެސް ބޭރުގެ ބާޒާރުތަކުން ފައިސާ ހޯދަން ކުރާ މަސައްކަތަށް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ފުރަތަމަ ހެދި މޫޑީސް އިންވެސްޓާސް އިން އެންމެ ފަހުން ނެރުނު ރޭޓިންގައި ވަނީ ރޭޓިން ބީ2 އިން ބީ3 އަށް ބަދަލުކޮށްފަ އެވެ. އަދި އެ އެޖެންސީ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ރާއްޖޭން ބޭރުގެ މާކެޓުގައި ބޮންޑު ވިއްކަން ކުރާ މަސައްކަތްތަކަށް ދަތިތަކާ ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.


ސަރުކާރުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން 300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކަން ނިންމާފަ އެވެ. މި ބޮންޑަކީ ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް) އިން ގެރެންޓީ ކޮށްދޭނެ ބޮންޑެކެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މޫޑީސް އިން ރާއްޖޭގެ ރޭޓިން ޑައުން ގްރޭޑްކޮށްފައިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ އިން ފައިނޭންސް ހޯދަން ކުރަމުންދާ މަސައްކަތް ތަކަށް ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ހަމައެކަނި ރާއްޖެއަކަށް ނޫން، މުޅި ދުނިޔެ އަށް. މޫޑީސްގެ ހުރިހާ ވާހަކަތަކެއް ރަނގަޅަށް ކިޔައިލީމަ ފާހަގަވާނެ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެންކަން. އެ ބޭފުޅުން ފާހަގަ ކޮށްފައިވޭ، އަޅުގަނޑުމެން އިތުރު ފައިނޭންސިން ހަމަ ޖެހިގެން، އަޅުގަނޑުމެންގެ ފައިނޭންސިން ގެޕް ހަމަޖެހޭނެ ގޮތަކަށް، އެ ފަންޑަސް ލިބުނީމަ އޭޓީންގްސް ރިވައިސް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއްކަން ފާހަގަ ކޮށްފައިވާނެ،" އަމީރު ވިދާޅުވި އެވެ.

ބޮންޑުތަކުގެ މުއްދަތު އިތުރު ކޮށްދީފި

މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރަށް 250 މިލިއަން ޑޮލަރުގެ ބޮންޑެއް އަދި 2023 ވަނަ އަހަރު ޕްރައިވެޓް ޕްލޭސް ބޮންޑެއް ވެސް މެޗުއަވާ (ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްފައިވާ) ކަމަށެވެ.

"އަޅުގަނޑުމެން އައިސްފަ މެޗުއަރިޓީ ވާނީ އިތުރު ތިން އަހަރަށް އިތުރުކޮށްފަ. މީގެ މާނައަކީ 2026 ވަނަ އަހަރަށް އިތުރުކޮށްފަ. ޔޫއޭއީގެ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ ލުއި ވާނީ ހޯދާފަ. އެހެންވީމަ ޑެޓް ސަސްޓޭނަބިލިޓީ އެނާލެސިސް ހެދިގެން އަންނައިރު، އައިއެފްއެމް އިން އެ ކަންތައްތައް ފެކްޓައިން ކުރޭ. އެހެންވީމަ އަޅުގަނޑުމެންގެ ޑެޓް ސަސްޓޭނަބިލިޓީ އެބަ ރަނގަޅު ވެގެންދޭ. މި ކަންތައްތައް ކުރީމަ،" އަމީރު ވިދާޅުވި އެވެ.

އެސްޑީއެފް ފަންޑުން ގާބިލްކަން އިތުރުވާނެ

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރީ 98 މިލިއަން ޑޮލަރު ކަމަށެވެ.

"މިހާރު އެސްޑީއެފް ދަންޑުގައި 190 މިލިއަން ޑޮލަރު އެބަހުރި. އެ ފަންޑުން އެކިއެކި ކަންކަމުގައި އިންވެސްޓް ކޮށްފައި ހުންނާނެ. އޭގެ މެޗުއަ ވާ ވަރަށް. އަޅުގަނޑުމެން ވެސް ބަޖެޓުގެ ތެރެއިން ވެސް ޑިޕޮސިޓް ކުރަމުން މިދިއީ. އެހެންވީމަ 2022 އަންނަން ވާއިރަށް އަޅުގަނޑުމެންގެ ލިކުއިޑް ބެލެންސް 200 މިލިއަން ޑޮލަރު ހުންނާނެ. އެހެންވީމަ ބޮންޑު ދެއްކޭ ވަރަށް ފައިސާ ހުންނާނެ ވަރަށް އިންވެސްޓް ކުރަމުން ދަނީ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ޕޮޒިޝަން ކިޔައިދޭން މަސައްކަތް ތަކެއް

މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިހާރުގެ ހާލަތުން ބޭރުގެ މާކެޓުގައި ރާއްޖޭގެ ޕޮޒިޝަން އިތުރަށް ކިޔައިދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މާކެޓުގައި އަޅުގަނޑުމެންގެ ޕޮޒިޝަން ކިޔައިދޭން މަސައްކަތް މިކުރަނީ. އަޅުގަނޑުމެންގެ ޑެޓް ޑިޕާޓްމަންޓުން އެ މަސައްކަތް ކުރަމުން އެބަ ގެންދޭ. އެހެންވީމަ ރޭޓިން އެޖެންސީސްތަކާ، ބޭރުގެ ފައިނޭންޝަލް އިންސްޓިޓިޓްތަކާ ޑެއިލީކޮށް އަޅުގަނޑުމެންގެ އެންގޭޖްތަކެއް ކުރިއަށް އެބަދޭ. އެހެންވީމަ ޑެޓް ރިލޭޓެޑް، ފިޒްކަލް ހުރިހާ ސްޓެޓިސްޓިކްސްތަކެއް އަޅުގަނޑުމެން ހާމަ ކުރަމުން މިދަނީ. އެ ކަންތައްތަކަކީ އެ ބޭފުޅުން ވަރަށް މަރުހަބާ ކިޔާ ކަންތައްތައް،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭން މިހާތަނަށް ސޮވެރިން ކްރެޑިޓް ރޭޓް ކޮށްފައިވަނީ މޫޑީސްގެ އިތުރުން ހޮންކޮންގްގެ ފިޗް ރޭޓިންގްސް ފިޗުންނެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިންގްސް އިން ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެ އަށް ދީފައި ވަނީ "ސްޓޭބަލް" އައުޓްލުކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށްވެފައިވާތީ ކްރެޑިޓް ރޭޓިން "ބީ" އަށް ދަށްކޮށް "ނެގެޓިވް" އައުޓްލުކަށް ވަނީ ބަދަލު ކޮށްފައިވެ އެވެ.