ދުނިޔެ

އިންސާނުންގެ ނަޖިހުން އުފެއްދި ފެން ބިލް ގޭޓްސް ބޮއެފި

ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ، ސާފު ފެން ނުލިބުމުގެ މައްސަލަ ހައްލުކުރެވިދާނެ ޓެކްނޮލޮޖީއެއްގެ މޮޅުކަން ދެއްކުމަށް، މައިކްރޮސޮފްޓުގެ ބާނީ، އިންސާނުންގެ ނަޖިހުން އުފައްދާފައިވާ ފެން ބޮއެފި އެވެ.

ގޭޓްސްގެ އިސް ނެންގެވުމަކަށް ތަރައްގީކުރި ޓެކްނޮލޮޖީ ބޭނުންކޮށްގެން، އިންސާނުންގެ ނަޖިސް ފެނަށް ބަދަލުކުރެވެ އެވެ. އަދި މިއީ ބުއިމަށް އެކަށީގެންވާ އެއްވެސް ނުރައްކަލެއް ނެތް ފެނެއް ކަމަށް އެ ޓެކްނޮލޮޖީގެ މާހިރުން ވިދާޅުވެ އެވެ.

ބިލްގޭޓްސް ވިދާޅުވީ މި ޓެކްނޮލޮޖީ އިތުރަށް ޓެސްޓް ކުރުމަށް ފަހު މި އަހަރު ފަހުކޮޅު ދުނިޔޭގެ އެކި ހިސާބުތަކަށް މީގެ ޕްރޮސެސިން ޕްލާންޓްތައް ފޮނުވާނެ ކަމަށެވެ.

ސާފު ފެން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޗެރިޓީއެއް ކަމަށްވާ ވޯޓައެއިޑުން ވަނީ މި ޓެކްނޮލޮޖީ އަށް މަރުހަބާ ކިޔައިފަ އެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ސާފު ފެން ނުލިބޭ 748 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ އުޅެ އެވެ. އެހެންވެ މި ޓެކްނޮލޮޖީ އެކަހެރިކަން ބޮޑު ހިސާބުތަކަށް ފެނުގެ މައްސަލަ ހައްލުކުރުމަށް ހައްލަކަށް ވެދާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

"...މި ފެން އެހާ ވެސް ރައްކާތެރި."

މި ޓެކްނޮލޮޖީގައި ނަޖިހުން ފެން އުފެއްދުމުގެ ފުރަތަމަ މަރުހަލާގައި ނަޖިސްތައް ވަރަށް ގަދަޔަށް ކައްކާލަ އެވެ. މިގޮތަށް ކައްކާއިރު އަރާ އާވި ފެނަށް ބަދަލުވެ ނަޖިސްތަކާ ވަކިކޮށްލަ އެވެ. އާވި އުފެއްދުމަށް ފަހު ބާކީ ހުންނަ ހަރު ނަޖިސްތައް އަނެއްކާވެސް އަންދާލަ އެވެ. މި މަރުހަލާގައި އުފެދޭ ކަރަންޓު، މެޝިނަށް އަދި މެޝިނުން ބޭރުގައި އެހެން ކަންކަމަށް ވެސް ބޭނުންކުރެވެ އެވެ.

މެޝިނުގައި އާވިން އުފެދުނު ފެން ޖަމާވަނީ ފެން ސާފުކުރާ ނިޒާމެއްގެ ތެރެއަށެވެ. މި މަރުހަލާގައި ފެނަކީ ބޯން ރައްކާތެރި އެއްޗަކަށް ބަދަލުކޮށްލަ އެވެ.