ޓޫރިޒަމް

މިއީ އާ ޓެކްސް ތަކެއް ނަގަންވީ ވަގުތެއް ނޫން: އަލީ ވަހީދު

ކޮވިޑް-19 އަށްފަހު އަލުން އިކޮނޮމީ ހުޅުވާލާ ވަގުތަކީ އާ ޓެކްސްތައް ނަގަން ޖެހޭ ވަގުތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން އިންތިޒާމު ކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ވަގުތަކީ އާ ޓެކްސްތައް ނަގަން ޖެހޭ ވަގުތު ނޫން ކަމަށާ، މި ވަގުތަކީ ރައްކާތެރި މާހައުލެއް ގާއިމްކޮށް އަލުން ދަތުރުކުރަން ފަށަން ޖެހޭ ވަގުތު ކަމަށެވެ. އެކަމަށް ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަލުން ޓޫރިޒަމް ހުޅުވާލާއިރު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ޑިސްކައުންޓްތަކެއް ވެސް ލިބޭނެ ކަމަށެވެ. އަދި ރާއްޖެ މާކެޓު ކުރުމަށް ވެސް ބަދަލުތައް އަންނާނެ ކަމަށެވެ.

"އަަޅުގަނޑު ލަންޑަންގައި ހުރިއިރު ދިމާވާ ބައެއް މީހުން އަހާ ކޮން ގައުމެއް ހޭ؟ ރާއްޖެއޭ ބުނީމަ ބުނޭ، ތިއީ މާ އަގު ބޮޑު ތަކެނޭ. އެކަމަކު މި ސަރުކާރުން ވެރި ކަމަށް އައިސް ކުރި މަސައްކަތް ތަކުން މިއަދު ދުނިޔޭގެ ގިނަ ބަޔަކަށް އެނގޭ ރާއްޖޭގައި އޮތީ ހަމައެކަނި އަގު ބޮޑު ޓޫރިޒަމް އެކަނި ނޫންކަން. ރާއްޖޭގައި އެ މީހުންނަށް އެފޯޑް ކުރެވޭ ޓޫރިޒަމް ވެސް އެބައޮތްކަން،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް ދޭނެ ޔަގީން ކަމަކީ ރާއްޖޭގެ ރައްކާތެރިކަން ކަމަށެވެ.

"ފުރަތަމަ ކަމަކީ ހެލްތް އެންޑް ސޭފްޓީ. އެހެންވެ ސަރުކާރުން ރާވާފައި ވަނީ ފިޔަވަހި ތަކަށް ބަހާލައިގެން އިކޮނޮމީ ހުޅުވާލަން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ދަނީ ޓޫރިޒަމް އަލުން ހުޅުވާލުމުގެ ގޮތުން ޓޫރިޒަމް ހުޅުވާލަން ގައިޑްލައިންއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ. މި ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓުގައި ބޮޑެތި އަދަދުތަކުން ޓެކްސް ނަގަން ހިމެނި އެވެ. މީގެތެރޭގައި ރާއްޖެ އަށް އަންނަން ހުއްދަ ދޭ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރު ފްލައިޓު ތަކުން ބައިލައްކަ ޑޮލަރުގެ ފީއެއް، ނަގައި ސުޕަ ޔޮޓް ތަކުން 10،000 ޑޮލަރުގެ ފީއެއް ނަގަން ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ސްޕެޝަލް ޓޫރިސްޓު ސްޕެޝަލް ޓޫރިސްޓު ވިސާ ފީގެ ގޮތުގައި 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުންގެ އަތުން ނަގަން ނިންމި އެވެ. ނަމަވެސް ސިނާއަތުގެ މީހުންގެ ޝަކުވާއާއެކު މި ފީތައް ނުނަގަން ވަނީ ނިންމާފަ އެވެ.