ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިސްނައިދިނުމަކީ މޮޔަ ކަމެއް: ޑރ. ދީދީ

ރޫލް އޮފް ލޯ ނުވަތަ ގާނޫނީ ވެރިކަމުގެ އުސޫލަށް އިހްތިރާމް ކުރުމަށް ނުދަންނަ ބަޔަކަށް ވިސްނައިދިނުމަކީ މޮޔަ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ އެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ތަޅުމުގައި ބޭއްވުމަށް އެޗްޕީއޭގެ ހުއްދައާ ނުލައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ނިންމެވުމާއެކު އުފެދިފައިވާ ބަހުސްގައި ބައިވެރިވެވަޑައިގެން މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

"ރޫލް އޮފް ލޯއަށް އިހްތިރާމް ނުކުރަން ދެވިހިފާފައިވާ ތިބި ބަޔަކަށް ވިސްނައިދިނުމަކީ މޮޔަ ކަމެއް،" ޑރ. ދީދީގެ ޓްވީޓްގައިވެ އެވެ.

ޑރ. ދީދީ މި ޓްވީޓް ކުރެއްވީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ. ޖަމީލު އެ ޓްވީޓް ކުރައްވާފައިވަނީ މާދަމާ މަޖިލީހަށް ވަޑައިގަތުމަށް ފުލުހުން ހުއްދަ ދޭން ފަށާފައިވާތީ އެވެ.

"ކޮން ހުއްދައެއް ކޮން ގާނޫނެއްގެ ދަށުންތޯ ތިޔަ ދެއްވަނީ، ލޮކްޑައުން ނިމުމަކަށް އައި ކަމަށް ރައްޔިތުން ބަލަންވީތޯ، ދެ ސެޓް އޮފް ރޫލްސް މި ގައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ، ބޮޑުންނަށް ވަކި އުސޫލެއް، ދެން ތިބި އެންމެންނަށް އެހެން އުސޫލެއް، އެމްޑީޕީ ގަބޫލު ކުރާ ހަމަ، ޖަމީލުގެ ޓްވީޓްގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރެއްވި ފަހުން އާންމުކޮށް ޑރ. އަހުމަދު އަބްދުﷲ ދީދީ ވާހަކަ ދައްކަވައި ހައްދަވަނީ ވަރަށް މަދުންނެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރަތަމަ ފަހަރަށް ފާޑުވިދާޅުވެފައިވެ އެވެ.

އަހުމަދު އަބްދުﷲ ކުރެއްވި އެ ޓްވީޓްގައި ރައީސް ސޯލިހުގެ ވެރިކަމުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ވަނީ ނިޒާމްގެ ތެރެއިން ގެއްލުވާލާފައި ކަމަށް ވިދާޅުވި އެވެ. އެކަން ރައީސްއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީދީ އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އެވެ.

ފަނޑިޔާރުންގެ ނިންމެވުންތަކާ ގުޅިގެން ސުލޫކީ މައްސަލަތައް ނުބެލޭނެ ކަމަށް ވިދާޅުވެ ދީދީ ގެންދެވީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ. ޖޭއެސްސީއަށް ފާޑުވިދާޅުވެ ބަޔާންތައް ނެރުއްވައި އެތަނަށް ހާޒިރުވެވަޑައިގެންނެވުމަށް ވެސް ދެކޮޅު ހެއްދެވި އެވެ.

އޭރު ދީދީ ވިދާޅުވި ގޮތުގައި ޖޭއެސްސީއިން މަސައްކަތް ކުރަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލައި ވަކި ބައެއްގެ އަތް މައްޗަށް ޝަރުއީ ދާއިރާ ގެންދިޔުމަށެވެ. ދީދީއާއެކު އެ ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ބޭރުކުރި އެވެ. މިހާރު ސުޕްރީމް ކޯޓު ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ.