ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މީރާއިން 570 ފަރާތެއްގެ ޖޫރިމަނާ މާފު ކޮށްދީފި

ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން މިހާތަނަށް 570 ފަރާތެއްގެ ޖޫރިމަނާ މާފުކޮށް ދީފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދަރުބާރުގޭގައި މީރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީ) ފަތުހުﷲ ޖަމީލް ވިދާޅުވީ ޖޫރިމަނާ ދެއްކުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އޮނިގަނޑުގެ ތެރެއަށް ފެތޭ 570 ފަރާތެއްގެ ޖޫރިމަނާ މިހާތަނަށް މާފުކޮށް ދީފައިވާ ކަމަށެވެ.

"މީގެ އިތުރުން ވެސް ގިނަ ފަރާތްތަކަށް ލުއި ދިނުމަށް މިދަނީ މަސައްކަތްތައް ކުރަމުން. މާފު ކޮށްދޭއިރު ބަލާ ކަންތައްތަކެއް ހުންނާނެ. ހުރިހާ ޓެކްސްތަކާ ގުޅޭ ޖޫރިމަނާ ވެސް މާފުކޮށް ދޭނެ. ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަމާއި، ޖޫރިމަނާ އާއި ޖީއެސްޓީ އަދި ބީޕީޓީގެ ޖޫރިމަނާ ވެސް މާފުކޮށްދޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ހާލަތުގެ ސަބަބުން ވިޔަފާރި ތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީ، އިންސްޓޯލްމަންޓް ޕްލޭންގެ ތެރެއިން ފައިސާ ދެއްކޭނެ އުސޫލުތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. މިހާތަނަށް 74 ފަރާތަކަށް އިންސްޓޯލްމަންޓް އެއްބަސްވުންތައް ހަދާފައިވާނެ ކަމަށެވެ.

"ކޮމިޓްމަންޓް ޕޭމަންޓުގެ އާއްމުކޮށް ދައްކަން ޖެހޭ ވަރަށް ވުރެ ކުޑަ އަދަދެއް ދެއްކޭނެ ގޮތް ވާނީ ހަދާފަ. ބަހާލެވޭ މުއްދަތު ވެސް ވާނީ އިތުރު ކޮށްދީފައި. މީގެ އިތުރުން ޕޯސްޓް ޑޭޓެޑް ޗެކެއް ހުށަހަޅަން ނުޖެހޭ ގޮތަށް ވާނީ ހަމަޖައްސާފައި،" ފަތުހުﷲ ވިދާޅުވި އެވެ.

މި ނޫސް ކޮންފަރެންސުގައި މީރާގެ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް ރެވެނިއު ސާވިސަސް އަހުމަދު ޝަރީފު ވިދާޅުވީ އިންސްޓޯލްމަންޓް ޕްލޭންއަށް ގެނައި، ބަދަލާއެކު ކުދި ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖައްސާ ދީފައިވާނެ ކަމަށެވެ.

"ކުދި ވިޔަފާރި ތަކަށް އިންސްޓޯލްމަންޓް ޕްލޭން އަށް ވަނުމުގެ ޕަސެންޓޭޖް ވާނީ 15 ޕަސެންޓާ ހަމައަށް ކުޑަކޮށްފަ،" ޝަރީފު ވިދާޅުވި އެވެ.