ޓޫރިޒަމް ސިނާއަތާ ސީދާ ގުޅުން ހުރި އާމްދަނީތައް ބޮޑު ތަނުން ދަށްވެ، ރާއްޖޭގެ ޖުމުލަ އާމްދަނީއަށް ވަރަށް ބޮޑު ލޮޅުމެއް އަތުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު މިދިޔަ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބަލާނަމަ ޓޫރިޒަމާ ގުޅުންހުރި ހުރިހާ އާމްދަނީއެއް ވެސް ވަނީ ދަށްވެފަ އެވެ. ޓޫރިޒަމް ސިނާއަތުން ނަގާ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ލިބުނީ 1.6 ބިލިއަން ރުފިޔާ އެވެ. މި ޓެކުހުން މިދިޔަ އަހަރުގެ މި މުއްދަތުގައި 2.2 ބިލިއަން ރުފިޔާ ލިބުނެވެ. މި އަހަރު ފަސް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
ގްރީން ޓެކުހުން މިހާލަތަށް ލިބިފައިވަނީ 278 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު 350.1 މިލިއަން ރުފިޔާ ލިބުނެވެ. އަދި ލިބޭނެ ކަމަށް އަންދާޒާ ކުރީ 970.3 މިލިއަން ރުފިޔާ އެވެ.
ރިސޯޓު ކުލީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 314.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް 466.1 މިލިއަން ރުފިޔާ ލިބުނެވެ. ރިސޯޓު ކުލިން މި އަހަރު 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި އެވެ.
ރާއްޖެއަށް ހިލޭ އެހީ އާއި ޖުމްލަ އާއްމުދަނީގެ ގޮތުގައި ލިބިފައި ވަނީ ހަ ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 9.3 ބިލިއަން ރުފިޔާ ލިބުނެވެ. އަދި އާމްދަނީ އެކަނި ހިލޭ އެހީ ނުލައި ބަލާނަމަ 21 ވަނަ ދުވަހުގެ ނިޔަލަށް ފަސް ބިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 6.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައި ވަނީ 30 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އެކަނި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 17 ބިލިއަން ރުފިޔާ އެވެ.
މިހާރު މަސައްކަތް ކުރާ ގޮތަށް ސަރުކާރުން ކުރިއަށް ގޮސްފި ނަމަ ޓެކުހުގެ ގޮތުގައި މި އަހަރު 9.5 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭނެއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ. އެހެން މި އަހަރު ދައުލަތުގެ އާމްދަނީން 14.6 ބިލިއަން ރުފިޔާ މަދު ވާނެ އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައި އަންނަ ޖުލައި މަހު އަލުން ރާއްޖެ ހުޅުވާލާށެވެ.