ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުންއާ ހިލާފުވެގެން ތިން މެންބަރަކު ޖޫރިމަނާކޮށްފި

ލޮކްޑައުންގެ އުސޫލުތަކާއި ހިލާފުވެގެން ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ޖޫރިމަނާކޮށްފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުންކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި ގެއިން ބޭރަށް ނިކުމެވެނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. ލޮކްޑައުންނާއި ހިލާފުވެގެން ބައެެއް މީހުން ހައްޔަރުކޮށް އަދި އެތައް ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ލޮކްޑައުންނާއި ހިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކުވެސް ހިމެނެއެވެ. އެ މެންބަރުން ޖޫރިމަނާ ކޮށްފައިވަނީ ލޮކްޑައުންގެ އުސޫލުތަކާއި ހިލާފަށް ބޭރަށް ނިކުތުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ލޮކްޑައުންއަށް ލުއި ދިނުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް އެ މަޖިލީހުގެ ތަޅުމުގައި ވަނީ ފަށާފައެވެ. އެެހެން ކަމުން ޖަލްސާތަކަށް ދިއުމަށް މެންބަރުންނަށް މިހާރު ވަނީ ހާއްސަ ހުއްދައެއް ދޫކޮށްފައެވެ.