ކްލިއާ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނާތަކުން ވަކި އުސޫލުތަކާއެކު ސްޓޯރޭޖް ފީއެއް އަލުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.
ކޮވިޑް-19 ރޯގާ އާ ގުޅިގެން މާލެ ސަރަޙައްދު 15 އޭޕްރީލް އިން ފެށިގެން ލޮކްޑައުން ކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާމިނަލްގައި ކުލިއާ ނުކޮށް ހުރި މުދަލުން މި މުއްދަތުގައި ސްޓޯރޭޖް ފީ ނުނަގާ ގޮތަށް ޕޯޓްސް އިން ވަނީ މީގެ ކުރިން ހަމަޖައްސާފަ އެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ގޮތަށް ހަމަޖެއްސުމާ ގުޅިގެން މުދާ އެތެރެ ކުރާ ގިނަ ފަރާތްތަކުން މުދާ ކްލިއާ ކޮށްފައި ނުވާތީ މުދަލާއެކު ގިނަ ކޮންޓެއިނަރު ތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހި ބަނދަރު ތޮއްޖެހިފައިވާ ކަމަށެވެ. އަދި މިހެން ވުމުގެ ސަބަބުން މުދާ ހިފައިގެން އަންނަ އިތުރު ބޯޓުތަކުން މުދާ ބާލައި ބަހައްޓާނެ ޖާގަަ ނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތަކައް ބުރޫ އަރައި ބޯޓު ފަހަރުން ކޮންޓެއިނަރު ބޭލުމުގައި ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށެވެ.
އެހެންކަމުން، މިހާރު ކްލިއާ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރުތަކަށް 10 ޖޫން ގެ ފަހުން ސްޓޯރޭޖް ފީ އެ ކުންފުނިން ބަޔާން ކުރާ އުސޫލުތަކާއެކު ނެގުމަށް ހަަމަޖެހިފައިވާ ކަމަށް ނޫސް ބަޔާނުގައި ވެ އެވެ.
- ސްޓޯރޭޖް ފީ ނަގާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒް ކާގޯގެ ސްޓޯރޭޖް ފީ އިން %20 މާފުުކުރަން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް %20 މާފް ކޮށްދެވޭނެ
- ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒްޑް ކާރގޯގެ ފްރީސްޓޯރޭޖްގެ ގޮތުގައި ހަމަޖައްސާފައިވާ 12 ދުވަސް (ބަނދަރު ބަންދު ދުވަސްތައް ނުހިމަނާ) ފްރީ ސްޓޯރޭޖްގެ ގޮތުގައި އަދިވެސް ލިބޭނެ
- މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ފުރަބަންދު މުއްދަތުގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން 10 ޖޫންގެ ޔަލަށް ފްރީ ސްޓޯރޭޖް 12 ދުވަސް ހަމަވެފައިވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫން 2020 އިން ފެށިގެން ސްޓޯރޭޖްފީ ނަގާ އުސޫލުގެ ދަށުން
- 10 ޖޫން ވަނަ ދުވަހުގެ ނިޔަލަށް 12 ދުވަސް ހަމަނުވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ މުދާ ބަނދަރަށް ބޭލި ތާރީހުން ފެށިގެން 12 ދުވަސް ހަމަވުމުން
- މި ބަދަލާއެކު އެމްޓީ ކޮންޓެއިނާ ސްޓޯރޭޖް ކުރިންވެސް ނަގަމުން ދިޔަ އުސޫލުން 11 ޖޫން އިން ފެށިގެން ނަގާނެ
ސްޓޯރޭޖްފީ އަލުން ނަގަން ނިންމާފައިވަނީ މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ ބަނދަރުގައި ހުރި ކޮންޓެއިނަރުތަކުންނެވެ.