ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނޯޓިސް ނުދީ ގެއިން ނެރެލުން މަނާކުރަން ބިލެއް ހުށަހަޅައިފި

ދެ މަސް ދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި ކުއްޔަށް ދީފައިވާ ތަންތަނުން މީހުން ނެރުން މަނާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލް ހުށަހަޅުއްވާފައިވަނީ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020"ގެ ނަމުގަ އެވެ.

ކޮވިޑް-19އާ ގުޅިގެން މީހުން އާމްދަނީއަށް އަސަރުކޮށް ކުލި ދެއްކޭ ގޮތް ނުވުމުން ބައެއް މީހުން ގެއިން ނެރެ މަގުމަތިކޮށްލާފައިވެ އެވެ. އެފަދަ މީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ވެސް ދިނެވެ. އެހެންވެ، އާންމުން ވަނީ މި ދުވަސްވަރު ކުލި މާފުކޮށްދިނުމަށް އަންގަން ސަރުކާރަށް ގޮވާލާފަ އެވެ.

މިއަދު ބަންޑާރަ ނައިބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލްގައިވާ ގޮތުން އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމަށެވެ. ތަން ދޫކޮށް ދިޔުމަށް ދެ މަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ބިލުގައި ލާޒިމު ކުރެ އެވެ.

މިކަން ލާޒިމުކުރަން ބިލްގައި ހިމަނާފައިވަނީ ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީއަނުވާ ގޮތަށެވެ.

އޭގެ އިތުރުން، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް މެދުކަނޑާލައިގެންނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލްގައި އިތުރަށްވާ ގޮތުން ކޮވިޑް19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ. އަދި އެފަދައިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ކޮވިޑް19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދދޭންވާނެ ކަމުގައިވެސް ބިލުގައިވެ އެވެ. އަދި އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން ކަމަށް ވެސްވެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި، ކޮވިޑް19 އާ ގުޅިގެން މުވައްޒަފުންނަށް ހާއްސަ ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ހާއްސަ ޗުއްޓީ ދޭންވާނެ ކަމަށެވެ. އެގޮތުން، ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ބިލުގައި ބަޔާނުގައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ފަރާތްތަކެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާއިރު، މި ބިލުގައި، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާމެދު ފިޔަވަޅުއެޅުން ހުއްދަވާނެ ހާލަތްތަކާއި، އެ ފިޔަވަޅު އެޅޭނެ ހާލަތްތައް، ބަޔާންކޮށްފައިވެ އެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ހާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި އިނާޔަތްތައް ދެމުންނުގެންދާ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ހާލަތުގައި ކަމުގައި ބިލުގައި ކަނޑައަޅާފައިވެ އެވެ.

އޭގެ އިތުރުން، ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުސޫލުތައް ބިލުގައި ހިމަނާފައިވެ އެވެ. އަދި ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށްގެންދާނެ ގޮތް ހަމަޖެއްސުމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ.