ބޮލީވުޑް

ވާޖިދު ޚާން މަރުވެއްޖެ

ބޮލީވުޑް ކޮމްޕޯސާ އަދި ލަވަކިޔުންތެރިޔާ ވާޖިދު ޚާން އުމުރުން 42 އަހަރުގައި މަރުވެއްޖެ އެވެ. ވާޖިދު މިއުޒިކް ތައްޔާރު ކުރަނީ އޭނާގެ އެއްބަނޑު އެއްބަފާ ސާޖިދު އާއެކު ސާޖިދު-ވާޖިދުގެ ނަމުގަ އެވެ. ވާޖިދު މަރުވިކަން ޔަގީން ކޮށްދެމުން ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ވާޖިދު މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށެވެ. ނަމަވެސް އަނެއްބައި ނޫސްތަކުން ބުނެފައިވަނީ ވާޖިދު މަރުވީ ކިޑްނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. ހޯމަ ވިލޭރޭ ވާޖިދު މަރުވެފައިވަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދާތާ ހަތަރު ދުވަސް ފަހުންނެވެ.

އިންޑިޔާ ލޮކްޑައުން ކުރި ފަހުން ވެސް ފިލްމީ ތަރި ސަލްމާން ޚާނަށް ސާޖިދު-ވާޖިދު ވަނީ ކޮރޯނާވައިރަހާ ގުޅޭ ލަވައެއް ތައްޔާރުކޮށްދީފަ އެވެ. "ޕިޔާރް ކޮރޯނާ" ކިޔާ މި ލަވަ ކިޔާފައިވަނީ އަދި ލަވައިގެ ވީޑިއޯގައި އެކްޓްކޮށްފައިވަނީ ވެސް ސަލްމާން ޚާނެވެ.

އަދި މިދިޔަ ފިތުރު އީދަށް ޚާއްސަކޮށް ވެސް ސާޖިދު-ވާޖިދު ވަނީ "ބާއީ ބާއީ" ކިޔާ ލަވައެއް ސަލްމާނަށް ކޮމްޕޯސް ކޮށްދީފަ އެވެ. މިއީ ހިންދޫންނާއި މުސްލިމުންގެ ގުޅުން ރަނގަޅު ކުރުމުގެ މުހިއްމުކަން ބަޔާންކޮށްދީ ތައްޔާރު ކޮށްފައިވާ ލަވަ އެކެވެ.

ސާޖިދު-ވާޖިދު މިއުޒިކް ޑައިރެކްޓަރުންގެ ގޮތުގައި ބޮލީވުޑަށް ނެރެދިނީ ވެސް ސަލްމާނެވެ. އެއީ 1998 ގައި ރިލީޒްކުރި ސަލްމާންގެ "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ" އިންނެވެ. އެ ފިލްމުގެ މިއުޒިކް އަލްބަމްގައި ހިމެނިފައިވަނީ ސާޖިދު-ވާޖިދު ތައްޔާރުކޮށްދިން އެންމެ ލަވަ އެކެވެ. "ތޭރި ޖަވާނީ ބަޅީ މަސްތު މަސްތު ހޭ" މި ލަވަ އެވެ.

މިއުޒިކް ޑައިރެކްޓަރުންގެ މި ދެބެންގެ މޮޅުކަން ގިނަ ބަޔަކަށް ފާހަގަކުރެވި މަޝްހޫރުކަން ލިބުނީ 2010ގައި ރިލީޒްކުރި ސަލްމާންގެ "ދަބަންގް" އަށް ތައްޔާރުކޮށްދިން ރީތި މިއުޒިކާ އެކުގަ އެވެ. އޭގެ ފަހުން މި މީހުންނަށް ފަސް އެނބުރި ބަލާލާކަށް ނުޖެހުނެވެ. އެއަށް ވުރެ އެމީހުންގެ ޑިމާންޑް ފިލްމު އިންޑަސްޓްރީގައި ބޮޑުވި އެވެ.

ސާޖިދު-ވާޖިދު މިއުޒިކް ތައްޔާރުކޮށްދިން ރީތި ލަވަ ތަކުގެ ތެރޭގައި "ދަބަންގް"ގެ "ހުޅު ހުޅު ދަބަންގް ދަބަންގް"، "ޕާޓްނާ"ގެ 'ޑޫ ޔު ވޯންޓް އަ ޕާޓްނާ' އާއި ސޯނީ ދެ ނަކްރޭ'، "މުޖްސޭ ޝާދީ ކަރޯގޭ"ގެ 'ލާލް ދުޕައްޓާ' އަދި "އޭކް ތާ ޓައިގާ"ގެ 'މާޝާﷲ' ހިމެނެ އެވެ.

ލަވަކިޔުންތެރިޔެއްގެ ގޮތުގައި ވެސް ވާޖިދު ވަނީ ވަރަށް ގިނަ ލަވަތަކެއް ރެކޯޑް ކޮށްފަ އެވެ. އެގޮތުން "ސޯނީ ދެ ނަކްރޭ"، "ޑޫ ޔޫ ވޯންޓް އަ ޕާޓްނާ"، "ތުޖެ އަކްސާ ބީޗު ގުމާދޫން" އަދި "ޖަލްވާ" ފަދަ ލަވަތަކަކީ ވާޖިދު ކިޔައިދީފައިވާ ލަވަ ތަކެވެ.
ޒީ-ޓީވީގެ މިއުޒިކް ރިއަލިޓީ ޝޯ "ސާ ރޭ ގާ މާ ޕާ"ގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ބައެއް އަހަރުތަކުގައި ވާޖިދު ފެނިފައި ވެއެވެ.

ވާޖިދު މަރުވުމުގެ ހިތާމަ އިންޑިޔާގެ މިއުޒިކް އިންޑަސްޓްރީން ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އަދި ބައެއް ފިލްމީ ތަރިން ވެސް ސޯޝަލް މީޑިއާގައި ދަނީ އެންމެ 42 އަހަރުގައި ވާޖިދު މި ދުނިޔެ ދޫކުރުމުން އެކަމާ އިންތިހާއަށް ދެރަވާ ކަން ހާމަ ކުރަމުންނެވެ.

"ވަރަށް ހިތާމަވެރި ހަބަރެއް. ވާޖިދު ބާއީގެ އަހަރެން އެންމެ ހަނދާން ނުނެތޭނެ އެކައްޗަކީ އޭނާގެ ހިނިގަނޑު. އަބަދުވެސް ހުންނާނީ ހިނިތުންވެފައި. އާއިލާއަށް ކެތްތެރިކަން ދެއްވާށި!" ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ޓުވީޓްގައި ވެއެވެ.

މިއުޒިކް ޑައިރެކްޓަރު ސަލީމް މާޗެންޓް ވެސް ވާޖިދުގެ ކުއްލި މަރުން ޝޮކެއް ލިބިފައިވާ ކަމަށް ބުނެ ޓުވީޓް ކޮށްފައި ވެއެވެ.
މިއުޒިކް ޑައިރެކްޓަރު-ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީގެ މެސެޖުގައި ބުނެފައިވާ ގޮތުގައި ވާޖިދުގެ ހުނަރާއި ރަނގަޅުކަން އަދި މީހުންނަށް ރަނގަޅަށް ބަލައިވެސް ނުގަނެވިގެން އުޅެނިކޮށް އޭނާ އެ ދިޔައީ އެވެ.