ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ތައުލީމީ ދާއިރާއަށް ޔުނިސެފްްގެ އެހީތެރިކަން ބޮޑު: އެޑިއުކޭޝަން

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށް ދާއިރާ ނެގެހެއްޓުމުގައި އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ޔުނިސެފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ. އަދި މިނިސްޓްރީން ދަނީ ޓެލިކިލާސްގެ ނަމުގައި ޓީވީ އިން ކްލާސްތައް ނަގައިދެމުންނެވެ. މިނިސްޓްރީން މިއަދު ބުނީ، ސްކޫލުތައް ހުއްޓާލާފައި ވީނަމަވެސް ދަރިވަރުންނަށް ތައުލީމު ދިނުމަށް މުދައްރިސުންނަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ޔުނިސެފުން ދެމުން އަންނަ ކަމަށެވެ.

އެގޮތުން، މުދައްރިސުންނަށް އަމާޒުކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޯ އެޑިޔުކޭޝަން ތަމްރީނު ޕްރޮގްރާމެއް ފެށިގެން މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި ދަރިވަރުންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމު ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ޔުނިސެފުން އެހީވާ ކަމަށެވެ.

އިތުރަށް ބުނީ، ޓެލެކިލާސްތައް ކުރިއަށް ގެންދިއުމަށް ޔުނިސެފުން ވަނީ ނޭޝަނަލް އިންސްޓިޓިއުޓް ފޮ އެޑިއުކޭޝަން (އެންއައިއީ)ގައި ސްޓޫޑިއޯ ސެޓަޕެއް ގާއިމުކޮށްދެއްވާ އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ދީފައި ކަމަށެވެ.
އަދި، އަލުން ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށުމަށްޓަކައި ތައްޔާރު ވަމުން އަންނައިރު ދަރިވަރުންގެ އާންމު ސާފުތާހިރުކަން އިތުރުކުރުމަށް ސްކޫލްތަކަށް ސައިބޯނި ފޯރުކޮށް ދިނުމަށްޓަކައި ވެސް ޔުނިސެފުން އެހީވަމުން އަންނަ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

"ސްކޫލްތައް އަލުން ހުޅުވާއިރު ކަރިކިއުލަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ޓޫލްސް ތައްޔާރުކޮށް ދިނުމުގައި އެހީތެރިކަން ފޯރުކޮށް ދެމުން އަންނައިރު ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ މައުލޫމާތުގެ ނިޒާމު (މީމިސް) ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ޔުނިސެފުން އަންނަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށް ދެމުން." އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ވަނީ ޔުނިސެފުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަަ އެވެ.

ރާއްޖޭގެ ސްކޫލުތައް ބަންދު ކުރި ފަހުން އެކި ގްރޭޑްތަަކަށް އޮންލައިން ކްލާސްތައް ޓެލިކިލާސްގެ ނަމުގައި ފެއްޓި އެވެ. މި ކްލާސްތައް ކުރިއަށްގެންގޮސް ސަރުކާރު ބަންދު ކުރުމާއެކު މެދުކަނޑާލި އެވެ. މިހާރު ވަނީ އަލުން މި ކްލާސްތައް ފަަށާ އޮންލައިންކޮށް ކިޔަވައިދޭން ފަށާފަަ އެވެ.