ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް އޭޕްރަން މަސައްކަތުގެ ފަހު ބައި ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އޭޕްރަން މަރާމާތުކޮށް ބަދަލު ގެނައުމަށް ހިންގާ މަޝްރޫއުގެ ފަހު ބައިގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ކުރިން ބޭނުން ކުރި އޭޕްރަންއަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ކޯޑް އެފް މާސް ސްޓޭންޑަޑަށް ހަދާ އޭޕްރަންގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމުމުން އެތަނުގައި އޭ380 މަރުކާގެ ދެ މަތިންދާ ބޯޓު ޕާކު ކުރެވޭނެ ކަމަށެވެ.

ވީއައިއޭގައި މަތިންދާ ބޯޓު ޕާކު ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން، މީގެ ކުރިން ވަނީ އޭޕްރަން މަރާމާތު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެމްއޭސީއެލް އިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އޭޕްރަންގެ ފިޔަވައްސެއް ހުޅުވާފަ އެވެ. އެ ކުންފުނިން ދަނީ ވީއައިއޭގައި ތަރައްގީ ކޮށްފައިވާ އާ ރަންވޭ އާ ދިމާލުގަ އާއި އާ ޓާމިނަލާ ދިމާލުގައި އޭޕްރަން ހަދަމުންނެވެ. މިހާތަނަށް މަސައްކަތް އެއްކޮށް ނިމިފައި ވަނީ އާ ރަންވޭއާ ދިމާލުގައި ތަރައްގީ ކުރާ އޭޕްރަންގެ މަސައްކަތެވެ.

މި މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރު ޖުލައި މަހު އޭޕްރަންގެ ފުރަތަމަ ބައި ނިންމާފަ އެވެ. މި ބައިގެ ބޮޑު މިނުގައި 70،000 އަކަމީޓަރު ހުރެ އެވެ. މި ތަނުގައި ދެ ސައިޒެއްގެ މަތިންދާ ބޯޓު ޕާކު ކުރެވޭނެ އެވެ. އޮޕްޝަން އެއްކެއްގައި ދެ ވައިޑް ބޮޑީ އެއާ ކްރާފްޓާއި ހަތް ނެރޯ ބޮޑީ އެއާ ކްރާފްޓް ޕާކު ކުރެވެ އެވެ. އަދި ދެވަނަ އޮޕްޝަންގައި ފަސް ވައިޑް ބޮޑީ އެއާ ކްރާފްޓާއި އެއް ނެރޯ ބޮޑީ އެއާ ކްރާފް ބޭއްވޭނެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓަކީ މިއަދާ ހަމައަށް ވެސް ޒަމާނީ ވަސީލަތްތައް ނެތް ތަނެވެ. ނަމަވެސް އާ އޭޕްރަން ނިމުމުން މަތިންދާ ބޯޓަށް ތެޔޮ އެޅުމުގެ ވަސީލަތް ފުރިހަމަ ވެގެންދާނެ އެވެ. މިތަން ނިމުމުން ތެޔޮ އަޅާނީ ބިމު އަޑީގައި ވަޅުލާފައިވާ ހޮޅިތަކެއް ބޭނުންކޮށްގެންނެވެ. މިހާރު ތެޔޮ އަޅަނީ ލޮރީގައި ގެންގޮސްގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ވަނީ އާ ރަންވޭއެއް އަޅާފަ އެވެ. އެތަން ނިމުނު ނަމަވެސް މިހާތަނަށް ހުޅުވިފައެއް ނުވެ އެވެ. މީގެ އިތުރުން ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމެއް އަދި ކާގޯ ޓާމިނަލެއްގެ މަސައްކަތް ވެސް ކުރެ އެވެ. އަދި މައި އެއާޕޯޓުގައި ހިންގާ މަޝްރޫއުގެ އެންމެ މުހިންމު ބަޔަކީ އާ އިންޓަނޭޝަނަލް ޓާމިނަލް އެވެ.

މި މަސައްކަތްތައް ހަލުއިކަމާއެކު ކުރަނިކޮށް ސަރުކާރުން ބަދަލުވެ ފައިސާ ލިބުމުގައި ދިމާވި ދަތިތަކާއެކު މަސައްކަތް ހުއްޓިގެން ދިޔަ އެވެ. ނަމަވެސް ފަހުން ކުރި މަޝްވަރާތަކާއެކު އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް އަލުން ވަނީ ފަށާފަ އެވެ. އަދި އާ ސީޕްލޭން ޓާމިނަލެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް އެއާޕޯޓުގައި ކުރަމުން ދެ އެވެ. މި ޕްރޮޖެކްޓަކީ 40 މިލިއަން ޑޮލަރު (ގާތްގަނޑަަކަށް 616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި ތަން ހަދާފައި ވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ.