ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދައުލަތަށް ލިބުނީ ހަ ބިލިއަން، ހަރަދަށް 10 ބިލިއަން

ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި މިހާތަނަށް، ހަ ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުގެ ގޮތުގައި 10 ބިލިއަން ރުފިޔާ ހޭދަ ވެއްޖެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ނެރުނު މިދިޔަ ހަފުތާގެ މާލީ ހިސާބުތައް ނުވަތަ ވީކްލީ ފިސްކަލް ޑިވްލޮޕްމަންޓްގައިވާ ގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 30 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 10 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓި އާމްދަނީ ދަށްވުމުގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވަމުންދަނީ ޓެކުހުގެ އާމްދަނީ އަށެވެ.

ޓެކުހުގެ ގޮތުގައި މި އަހަރު 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުކޮށްފައި އޮތްއިރު މިހާތަނަށް ލިބިފައިވަނީ ފަސް ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު ލިބުނީ ހަތް ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ދެ ބިލިއަން ލިބިފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު 461.2 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބިފައިވަނީ 23 މިލިއަން ރުފިޔާ އެވެ.

ފިނޭންސްގެ މި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 10 ބިލިއަން ރުފިޔާ ހަދަދު ވެއްޖެ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވީ 10.1 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ހިމަނާފައިވަނީ 35 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ސިޔާސީ ވަޒީފާތަކާއި މިނިވަން މުވައްސަސާތަކުގެ މުސާރަ ކުޑަކޮށްފައިވާތީ ދައުލަތުގެ ރިކަރަންޓް ހަރަދުތައް ވަނީ ކުޑަކޮށް ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 7.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު ހޭދަވެފައިވަނީ 7.6 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ހޭދަވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 22 ބިލިއަން ރުފިޔާ އެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ކެޕިޓަލް ހަރަދުތައް ވަނީ އިތުރުވެފަ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި މިހާތަނަށް 2.6 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް ހަރަދުގެ ތެރޭގައި އެންމެ ބޮޑަށް އިތުރުވީ ބިންތަކާއި އިމާރާތް ތަކަށް ކުރި ހޭދަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ މަސައްކަތްތައް އެއްކޮށް ހުއްޓިފައި އޮތުމަށްފަހު ޖުލައި މަހު ހުޅުވާލަން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހުޅުވާލިނަމަވެސް މި އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.