ހަބަރު

ކުރު މުއްދަތުގެ ފައިދާއަށް ވެށި ގުރުބާން ނުކުރޭ!

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. ތިމާވެށީގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް މި ދުވަސް ފާހަގަ ކުރާތާ 46 ވެއްޖެ އެވެ. މި އަހަރަށް ދީފަައި އޮތް ޝިއާރަކީ، ޓައިމް ފޮ ނޭޗާ އެވެ. މިއީ ގުދުރަތީ މާހައުލުގެ ވަގުތުކަމާއި އެމާހައުލުގެ މުހިންމުކަމާއި ބޭނުންތެރިކަމާމެދު ވިސްނާ އެ މާހައުލަށް އިސްކަން ދޭންވީ ވަގުތުކަމެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވާރަމަންޓް މިނިސްޓްރީ އިން މިއަދު ބުނީ، މި ބަލިމަޑުކަމުން އަރައިގަނެ ދިރިއުޅުން އަލުން ބިނާކުރަން މަސައްކަތްކުރާއިރު ގުދުރަތީ މާހައުލަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. ކުރު މުއްދަތުގެ އިގްތިސާދީ ފައިދާ އާއި މަންފާއަށް ގުދުރަތީ ވެށި ގުރުބާންކޮށް ވެށި ހަލާކުކޮށްލާ އަލުން އާރާސްތުކުރުމުގެ އުސޫލު ދޫކޮއްލަންވީ ކަމަށެވެ. އަދި ގުދުރަތީ މާހައުލުގެ ސަލާމަތްތެރިކަމަށް ވިސްނައިގެން އިގްތިސާދީ މަޝްރޫއުތަށް ރޭވުން މުހިންމު ކަމަށް ދެކޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

"އަޅުގަނޑުމެންނަކީ ފަރުގެ ދަރިންކަމުގައި ވާއިރު އަޅުގަނޑުމެންގެ އަމަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި، ފަރުތަކާއި އެފަރުތަކާއި ގުޅިފައިވާ ގުދުރަތީ ނިޒާމްތަކަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ބިނާކުރަންވީ. އަދި ގުދުރަތީ މާހައުލަކީ އޭގެ ޒާތުގައި ވެސް އަގު ހުރި އެއްޗެއްކަމާއި މެދު ވިސްނައި މާހައުލަށް އިހްތިރާމާއެކު އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރަން އަޒުމް ކަނޑައަޅަންވީ" އާއްމުންނަށް ދިން މެސެޖުގައި ވެ އެވެ.

އިސްރާފުކުރުމުގެ ގޮތް ގޮތުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ދުރުވެ، އެ ވަސީލަތްތައް ބޭނުންކުރާއިރު އޭގެ ސަބަބުން މުޅި މާހައުލާއި ނިޒާމަށް ކުރާނެ އަސަރާ މެދު ވިސްނުން ވަރަށް މުހިންމު ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ނިއު ނޯމަލްއަކަށް ދާއިރު، ދުވަހުން ދުވަހުގެ ދިރިއުޅުމުގައިވެސް ތިމާވެއްޓާއި ރައްޓެހިގޮތްތައް ހިޔާރުކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން، ގެތަކުން ކުނި އުފެދޭ މިންވަރު މަދުކުރުމާއި މޫދަށް ކުނި އުކުންފަދަ ނޭދެވޭ އާދަތަށް ދޫކޮއްލާ ބޭނުންވާ ވަރަށް ވުރެއް އެއްޗެހި ނުގަތުމާއި ރީސައިކަލް ކުރުން ތިމާވެށީގެ ދިފާއުގައި އަޑު އުފުލުން ފަދަ އާދަތަށް އަށަގަންނަންޖެހޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްތައް އޭގެ ޒާތުގައި ސަލާމަތްތެރިކަމާއެކު އޮތުން ވަނީ ގުދުރަތީ ވެއްޓާ އަދި ވަކިން ހާއްސަކޮށް ފަރުގެ ވެއްޓާއި ވަރަށް ބޮޑަށް ގުޅިލާމެހިފަ. އަޅުގަނޑުމެންގެ ހިތްހަމަޖެހުމާއި މުނިފޫހިފިލުވުމާއި ނަފްސާނީ ދުޅަހެޔޮކަންވެސް ވަނީ ގުދުރަތީ މާހައުލާއި ގުޅިފަ. ހިތާމައާއެކު ފާހަގަކުރަންޖެހެނީ ގުދުރަތީ ވެށީގެ މުއްސަނދިކަމާއި މުހިންމު ކަމުގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަން ނުކުރެވޭކަން"

އެންވާރަމަންޓް މިނިސްޓްރީން ވަނީ، ދުވަހާ ގުޅިގެން WorldEnvironmentDayMv #ForNature# މި ހޭޝްޓެގްތަކާއިއެކު ސޯޝަލް މީޑިއާގައި ކުރެހުމާއި ފޮޓޯ ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި ދުވަހާ ގުޅިގެން ވައިބާގައި "ތިމާވެށި ސްޓިކާ ޕެކް" އެއް ވަނީ ތައާރަފުކޮށްފަ އެވެ. ސްޓީކާ ޕެކުގައި، ހަކަތައާއި ފެނާއި ކުނިނޭޅުމުގެ އިތުރުން ތިމާވެށްޓާއި ގުޅޭ އެކި މެސެޖުތައް ހިމެނެ އެވެ.