ދިރިއުޅުން

ރާއްޖޭގެ ކޮންމެ ދިހައަކުން ތިން މީހުން ފަގީރު!

ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހަކީ ފަގީރު ހާލަތުގައިވާ މީހެއް ކަމަށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން އިން ނެރުނު، މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް (އެމްޕީއައި) އިން ދައްކައިފި އެވެ.

ރާއްޖޭގެ ފަގީރުކަން އޮތް މިންވަރު ބެލުމަށާއި ސިއްހަތާއި ތައުލީމާއި މައުލޫމާތު އަދި ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަންކަމުން މީހުން މަހުރޫމްވާ މިންވަރު ބެލުމަށްޓަކައި ހެދި "އެމްޕީއައި ދިރާސާ 2020" އިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 10 މީހަކުން ތިން މީހަކު ތިބީ ފަގީރު ކަމުގަ އެވެ.

ފަގީރުކަން މާލެއަށް ވުރެ ރާއްޖޭގެ އެހެން ހިސާބުތަކުގައި ބޮޑު ކަމަށް ވެސް މި ދިރާސާ އިން ދައްކާފައި ވެއެވެ.

ފަގީރުން ގިނައީ މެދު އަތޮޅުތަކުގައި

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއްޔެ ނެރުނު އެމްޕީއައި ހިސާބުތައް ދައްކާ ގޮތުގައި ފަގީރުކަން މާލެއަށް ވުރެ ރާއްޖޭގެ އެހެން ހިސާބުތަކުގައި ބޮޑު ކަމަށް ދިރާސާ އިން ދައްކަ އެވެ. މާލޭގައި ފަގީރު ކަމުގެ ނިސްބަތް 13 ޕަސެންޓުގައި ހުރިއިރު، އަތޮޅުތަކުގެ ތެރޭގައި އެ ނިސްބަތް ހުރީ 87 ޕަސެންޓުގަ އެވެ. އަތޮޅުތަކުގެ ތެރެއަށް ބަލާއިރު ފަގީރުކަން އެންމެ ބޮޑީ ރާއްޖޭގެ މެދު އަތޮޅުތަކުގަ އެވެ.

ރާއްޖޭގެ މެދު އަތޮޅުތަކުގެ ތެރޭ ހިމެނޭ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އާއި ވ. އަތޮޅުގައި ފަގީރުކަމުގެ ނިސްބަތް އުޅެނީ 46.7 ޕަސެންޓުގަ އެވެ. މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އާއި ލ. އަތޮޅު ހިމެނޭ ސަރަހައްދުގައި ފަގީރުކަމުގެ ނިސްބަތް ހުރީ 38.5 ޕަސެންޓުގަ އެވެ.

ގއ. އަތޮޅާއި ގދ. އަތޮޅާއި ޏ. އަތޮޅާއި ސ. އަތޮޅުގައި ފަގީރުކަން ހުރީ 39 ޕަސެންޓުގަ އެވެ. ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ފަގީރުކަން ހުރީ 44 ޕަސެންޓުގަ އެވެ. ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގައި ފަގީރުކަމުގެ ނިސްބަތް ހުރީ 36.5 ޕަސެންޓުގަ އެވެ.

މި ދިރާސާ ދައްކާ ގޮތުގައި ރާއްޖޭގައި އެމްޕީއައިގެ މިންގަނޑުތަކުން ބަލާއިރު ރާއްޖޭގައި 95،000 ފަގީރުން އެބަތިއްބެވެ.

މި ސާވޭއިން ދައްކާ ގޮތުގައި މާލޭގައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ސިއްހީ އަދި ދިރިއުޅުގެ ފެންވަރު ދައްކުވައިދޭ ދާއިރާ އެވެ. އަދި މާލޭގައި ފަގީރު ކަމަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ގެދޮރުގެ ތޮއްޖެހުމެވެ. އަދި އާމްދަނީގެ ނިސްބަތުން ބަލާނަމަ މަލްޓިޑައިމެންޝަނަލް ފަގީރުކަން ރާއްޖޭގައި ވަރަށް ބޮޑެވެ. ރާއްޖޭގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ މަލްޓިޑައިމެންޝަނަލް ފަގީރު ކަމުގައި އުޅެން ޖެހޭ ކުއްޖެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ ގޭގޭގައި ފަގީރުކަން މަތިކަން ދިރާސާ އިން ދައްކަ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި 2009 ވަނަ އަހަރާއި 2017 ވަނަ އަހަރާ އަޅާ ބަލާނަމަ ފަގީރުކަން ވަނީ 28 ޕަސެންޓުން 70 ޕަސެންޓަށް ދަށްވެފަ އެވެ.