އިންފްލޭޝަން

ފެބްރުއަރީގެ އިންފްލޭޝަން 0.05 ޕަސެންޓް ދަށަށް

މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް 0.05 ޕަސެންޓަށް ދަަށަށް ގޮސްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާއްމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި ފެބްރުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ވަނީ 0.05 ޕަސެންޓް ދަށްވެފަ އެވެ. އޭގެ ކުރީން ޖެނުއަރީ މަހު އިންފްލޭޝަން ހުރީ 0.25 ޕަސެންޓް މަތީގަ އެވެ.

މަހުގެ އަގު ތަކަށް އައި ބަދަލު ނުހިމަނައި ބަލައިފިނަމަ ފެބުރުއަރީ މަހު އިންފްލޭޝަން ރޭޓް ހުރީ 0.02 ޕަސެންޓްގަ އެވެ. މި އަދަދު ފާއިތުވި ޖަނަވަރީ މަހު ހުރީ 0.38 ޕަސެންޓުގަ އެވެ.

ކުލިތައްތައް ވެސް ދަށްވި

ފެބްރުއަރީ މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މޯބައިލް ފޯނުގެ މުވާސަލާތީ ހިދުމަތް ހިމެނެ އެވެ. އެބައިން 4.62 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި ގޭގައި ހިފާ ގެންގުޅޭ ސާމާނުގެ ބައިން 3.56 ޕަސެންޓް އަދި މަހުގެ ބައިން 0.78 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

މީގެ އިތުރުން އިމާރާތް / ގޭގެ ކުލި 0.10 ޕަސެންޓް އަދި ސެކިއުރިޓީއަށް ބޭނުންވާ ސާމާނާއި ގެދޮރު މަރާމާތުކުރަން ބޭނުންވާ ސާމާނުގެ ބައިން 0.74 ޕަސެންޓް އަދި މައުލޫމާތާއި މުވާސަލާތީ ހިދުމަތުގެ ބައިން 0.53 ޕަސެންޓް ދަށްވެ، އެއްގަމު މަހުގެ ބައިން 0.49 ޕަސެންޓް ވަނީ ދަށްވި އެވެ.

ކާބޯތަކެތީގެ އަގު މަތިވެފައި

ފެބްރުއަރީގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭ މޭވާ ގެބައިން 4.64 ޕަސެންޓް އަދި ބިހާއި ކިރު ފަދަ ތަކެތީގެ ބައިން 1.04 ޕަސެންޓް މަތިވެފައިވެ އެވެ. ތަރުކާރީގެ ބައިން 1.54 ޕަސެންޓުގެ މަތިވުމެކެވެ. އަދި އުޅަނދުފަހަރުގައި ބޭނުން ކުރާ ތެލުގެބައިން 3.49 ޕަސެންޓް އަދި އަންނައުނުގެ ބައިން 0.68 ޕަސެންޓް މަތިވެފައިވެ އެވެ. އަދި ޕާނާއި ސީރިއަލްގެ ބައިން 0.29 ޕަސެންޓް ބޮޑުވެ، އެހެނިހެން ކާބޯތަކެތީގެ ބައިން 0.74 ޕަސެންޓް އަދި ދުންފަތުގެ ބައިން 0.74 ޕަސެންޓް އުފުލިފައިވެ އެވެ. ފޮޓޯގްރަފީގެ ހިދުމަތްތަކުގެ ބައިން ވެސް 5.64 ޕަސެންޓް މަތިވި އެވެ.