އެއްގަމު އުޅަނދު ފަހަރުގެ ބައެއް ސްޕެއާ އާއި އެއާ ގުޅުން ހުރި ސާމާނުން ޑިއުޓީ ކުޑަ ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.
ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖލީހަށް މިހާރު ހުށަހަޅާފައިވާ ގޮތުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިހީގެ އެތެރެހަމާއި ބޭރު ހަމުން ޑިއުޓީ ނެގޭނީ 50 ޕަސެންޓަށެވެ. މިއީ މިހާރު 100 ޕަސެންޓްގެ ޑިއުޓީއެއް ނަގާ އެއްޗެކެވެ.
މީގެ އިތުރުން މި އިސްލާހުގައި އެއްގަމުގައި ދުއްވާ އިންނުލީ އެއްޗިހީގެ ބައިތަކުން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ވެސް ހުށަހަޅާފައިވެ އެވެ. މި ތަކެތިން މިހާރު 100 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގަ އެވެ. އަދި އެއްގަމު ދުއްވާ އުޅަނދު ފަަހަރުގެ ގޮޑި އާއި ގޮނޑި ފަހަން ބޭނުން ކުރާ ސާމާނުގެ ޑިއުޓީ 50 ޕަސެންޓަަށް ކުޑަ ކުރަން ވެސް ހުށަހަޅާފައި ވެއެވެ. މިއީ މިހާރު 100 ޕަސެންޓް ނަގާ އެއްޗެކެވެ. އަދި ކާރާއި ޖީޕާއި ވޭން ފަދަ ތަކެތީގެ ތެރެއިން ބޭނުން ނުކޮށް ހުންނަ ތަކެތިން ނަގާ ޑިއުޓީ ކަނޑާލަން ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް ބޭނުން ކޮށްފައި ހުންނަ ތަކެތިން ނަގާ ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރާނެ އެވެ.
މި އިސްލާހުގައި ދެން ފާހަގަ ކުރެވޭ އެއް ބަދަލަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނަން ހުށަހެޅުމެވެ.
މިއީ ސަރުކާރުން ކުރަން ކުރިން ވެސް ނިންމާއި އިއުލާނު ކޮށްފަ އޮތް ކަމެކެވެ. އަދި ސްކޫލް ކުދިން ކިޔެވުމަށް ބޭނުންކުރާ ތަކެތި މިހާރު ނަގަމުން ގެންދާ 10 ޕަސެންޓުގެ ޑިއުޓީ ކަނޑާލަން ވެސް ނިންމާފައިވެ އެވެ. އަދި ހަތިޔާރާއި ވަޒަނާއި މިތަކެތީގެ ބައި ތަކުން މިހާރު ނަގާ 35 ޕަސެންޓުގެ ޑިއުޓީ 30 ޕަސެންޓަށް ކުޑަ ކުރާނެ އެވެ. މީގެ އިތުރުން ފަރުނީޗަރާއި ގޮދަޑި އަދި ބާލީހާއި ތަންމަތިން މިހާރު ނަގަމުން ގެންދާ 20 ޕަސެންޓުގެ ޑިއުޓީ ފަސް ޕަސެންޓަށް ދަށް ކުރަން ހުށަހަޅާފައިވެ އެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މީގެ އިތުރުން ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނުގެ ތެރޭގައި ހިމެނޭ ދޮންނަ މެޝިނާއި އޭސީ އަދި އިންވާޓަރާ އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ދުއްވާ އުޅަނދު ފަހަރުން ޑިއުޓީ ކަނޑާލަން ވެސް ހުށަހަޅާފައިވެ އެވެ. އަދި ސިނގިރޭޓާއި ބިޑި އަދި ބަނގުރާ ފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑު ކުރަން ހުށަހަޅާފައިވެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި އޫރު މަހާއި އޫރުގެ ކާން ބޭނުން ކުރާ ބައިތަކާއި ބަނގުރަލުން މިހާރު ނަގާ 35 ޕަސެންޓުގެ ޑިއުޓީ 50 ޕަސެންޓަށް މަތި ކުރަން ހުށަހަޅާފައިވެ އެވެ. އަދި ކާން ބޯން ބޭނުން ކުރާ ބާވަތް ތަކުން މިހާރު ނަގާ 15 ޕަސެންޓުގެ ޑިއުޓީ ކަނޑާލަން ވެސް ހުށަހަޅާފައިވެ އެވެ.