ވިޔަފާރި

ބޮޑެތި އެއާލައިންތަކުގެ ލިސްޓަށް ރާއްޖެ އަދި ނާރާ

ކޮވިޑް-19 އަށްފަހު ދުނިޔޭގެ ބޮޑެތި އެއާލައިން ތަކުން ދަތުރުތައް ފަށަން ތައްޔާރުވެ، ބައެއް އެއާލައިންތައް އަންނަ މަހު ދަތުރުތައް ކުރާނެ ސިޓީތައް އިއުލާނު ކުރަމުންދާއިރު އެ ލިސްޓުގައި ރާއްޖެ އަދި ހިމަނާފައެއް ނުވެ އެވެ.

ކޮރޯނާ ވައިރަސް ފެތުރި ދުނިޔޭގެ އެއާލައިން އިންޑަސްޓްރީއަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ގެއްލުން ވެފައިވާއިރު، އަދި އަލުން އެއާލައިން ތަކުން ދަތުރުތައް ފަށަން އިއުލާނު ކޮށްފައިވާއިރު، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދަނީ އަންނަ މަހުން ފެށިގެން އިންޓަނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލާނެކަން އިއުލާނު ކުރަން ފަށާފަ އެވެ.

މިހާތަނަށް އިއުލާނު ކުރި ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ސިންގަޕޫރު އެއާލައިންސް އާއި އެމިރޭޓްސް ހިމެނެ އެވެ. ނަމަވެސް މި އެއާލައިންތަކުގެ ފްލައިޓް ޝެޑިއުލްތަކުގައި އަދި ރާއްޖެ ހިމަނާފައެއް ނުވެ އެވެ.

ކޮވިޑް-19 ފެތުރުމުގެ ކުރީގައި ރާއްޖެއަށް ހަފުތާއަކު ފަސް ފްލައިޓް ބާއްވަމުން ދިޔަ، ސިންގަޕޫރު އެއާލައިން އިން ބުނެފައިވާ ގޮތުގައި އެ އެއާލައިނުން އަލުން ދަތުރުތައް ފަށާނީ، އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެނެވެ.

ރާއްޖެއަށް ގިނަ ދަތުރުތަކެއް ކުރަމުން ގެންދާ ސިންގަޕޫރު އެއާލައިންސް އިން އަލުން ދަތުރު ފަށާ މަންޒިލްތަކުގެ ތެރޭގައި އެމްސްޓަޑަމް އާއި އޯކްލޭންޑް އަދި ބާސެލޯނާ އާއި ބްރިޒްބަން އަދި ފިލިޕީންސްގެ ސިއުބް އާއި ކްރިޝްޗާޗު އަދި ކޯޕަން ހޭގަން އާއި ހޮންކޮންގް މަދަން އާއި މެލްބަންގް އަދި އޮސާކާ ފަދަ ދުނިޔޭގެ ބޮޑެތި ސިޓީތައް ހިމެނެ އެވެ.

ސިންގަޕޫރު އެއާލައިންސްގެ ދަތުރުތައް އަލުން ފަށާއިރު، ކޮވިޑް-19 އާ ގުޅިގެން 48 އަހަރުގެ ތާރީހުގައި ވަނީ ފުރަތަމަ ފަހަރަށް ބޮޑު ގެއްލުމެއްވެފަ އެވެ. މިދިޔަ މަހު ނެރެފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 212 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ. ނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު 683 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެ އެވެ.

ސިންގަޕޫރު އެއާލައިންސް އޮޕަރޭޓް ކުރާ ކުންފުނިން ވަނީ މާޗް މަހުން ފެށިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ ގްރޫޕުގައި ހިމެނޭ ސިލްކް އެއާވެސް ހިމެނޭ ގޮތަށް 138 އެއާލައިނެއް ވަނީ ގްރައުންޑް ކޮށްފަ އެވެ. މިއީ އެ ކުންފުނީގެ ވައިގެ ދަތުރު ފަތުރު ކުރުމުގެ ކެޕޭސިޓީގެ 96 ޕަސެންޓެވެ.

ސިންގަޕޫރު އެއާލައިންސްގެ އިތުރު އެމެރިރޭޓްސް ވެސް ވަނީ 29 ސިޓީއަކަށް ދަތުރު ފަށަން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ. އިއުލާނުކުރި ސިޓީތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމަނާފަފައެއް ނުވެ އެވެ.

އެމިރޭޓްސް އިން އަލުން ދަތުރު ފަށާ ސިޓީތަކުގެ ތެރޭގައި މެޗެސްޓާ ސިޓީ އާއި ވިއެނާ އާދި އެމްސްޓަމް އާއި ކޯޕެންހޭގަން އާއި ނިއުޔޯކް ސިޓީގެ އިތުރުން އާއި ސޯލް އާއި ކުއަލަ ލަންޕޫރާއި ސިންގަޕޫރާއި ޖަކާޓާ އަދި ހޮންކޮންގް އަދި ބްރިސްބަން އަދި ޕާކިސްތާނުގެ ކަރާޗީ އާއި ލާހޫރާއި އިސްލާމް އާބާދު ވެސް ހިމެނެ އެވެ.

ޓާކިޝް އެއާލައިން އިން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޔޫރަޕުގެ ބައެއް ސިޓީތަކަށް ދަތުރު ފަށާނެކަން އިއުލާނު ކޮށްފަ އެވެ.

ތުރުކީގެ ގައުމީ އެއާލައިން ޓާކިޝް އެއާލައިންސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ އެ އެއާލައިނުން ޔޫރަޕުގެ 16 ސިޓީއެއްގެ 14 މަންޒިލަކަށް ދަތުރު ފަށަން ވަނީ ނިންމާފައި ވެއެވެ.

ރާއްޖެއަށް އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ބްރިޓިޝް އެއާވޭސް އިން ބުނެފައިވާ ގޮތުގައި މި ހަފުތާ ތެރޭގައި އިނގިރޭސިވިލާތުގެ އެތެރޭގެ އުދުހުންތައް ފެށުމަށް ފަހު، އަންނަ މަހުގެ އިންޓަނޭޝަނަލް ފްލައިޓްތައް ފަށާނެ އެވެ. ނަމަވެސް ދަތުރު ފަށާނެ މަންޒިލްތަކެއް އެ އެއާލައިނުން އަދި އިއުލާނެއް ނުކުރެ އެވެ.

ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ވަނީ ކޮވިޑް-19 އަށްފަހު އަލުން ދަތުރު ފެށުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ބައެއް އެއާލައިން ތަކުން ދަތުރު ކުރާއިރު ބޯޓުގެ ފަޅުވެރިން ލާން ހާއްސަ ޕީއީއީތައް ވެސް ތައާރަފު ކޮށްފައިވެ އެވެ.

ދުނިޔޭގެ ބޮޑެތި އެއާލައިން ތަކުން ދަތުރު ފަށާއިރު، ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލަން ވަނީ ނިންމާފަ އެވެ. ނަމަވެސް އަލުން ހުޅުވާލާނެ ގޮތުގެ ރަސްމީ ޕްލޭނެއް އަދި ސަރުކާރުން އިއުލާނެއް ނުކުރެ އެވެ. ރާއްޖެއަށް މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.