ހަބަރު

ހައިކޯޓުން ވެސް ޝަރީއަތްތައް ލައިވް ކުރަނީ

Jun 7, 2020

ހައިކޯޓުގެ ޝަރީއަތްތައް ވެސް ވީޑިއޯ ކޮންފަރެންސްކޮށް ބާއްވައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކުރަން ނިންމައިފި އެވެ.

ހައިކޯޓުން ޝަރީއަތްތައް ލައިވް ކުރަން މިއަދު ފަށާނެ އެވެ. އެގޮތުން 11:30 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

މީގެކުރިން ސުޕްރީމް ކޯޓުން ވެސް ވަނީ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންގޮސް ލައިވް ކުރަން ފަށާފަ އެވެ. ޝަރީއަތްތައް ލައިވް ކުރުމަކީ މީގެކުރިން ކޯޓުތަކުން އެއްބާރުލުންދިން ކަމެއް ނޫނެވެ.

ސިވިލް ކޯޓާއި ކުރިމިނަލް ކޯޓުގައި ވެސް މިހާރު ވަނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. ނަމަވެސް އެ ދެ ކޯޓުން ޝަރީއަތްތައް ލައިވެއް ނުކުރެ އެވެ.

ކޮވިޑް-19އާ ގުޅިގެން ޝަރުއީ ނިޒާމްގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ގޮތް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑު ބަދަލަކީ ކޯޓުތަކަށް އޮންލައިންކޮށް ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ހުޅުވާލުމެވެ. މިކަމުގެ ސަބަބުން ވަކީލުންގެ އެތައް ވަގުތަކާއި ވަސީލަތްތަކެއް ވަނީ ސަލާމަތްވެފަ އެވެ.