ހަބަރު

ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ފ. ދަރަނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ދަރަނބޫދޫގައި އެ ރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށައް ގެންގޮސްފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ޕްލޭނިިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްގެން 397 ދުވަހުގެ ތެރޭ ނިންމުމަށް ހިންގާ މި މަޝްރޫއަށް 38.2 މިލިޔަން ރުފިޔާ ހަރަދު ކުރެ އެވެ.

މި މަޝްރޫގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރު ބޭރުތޮށި ހެދުމާއި 196 މީޓަރުގެ އެއްގަމު ތޮށި ހެދުމަށްވަނީ ހަމަޖެހިފަ އެވެ. އަދި 60 މީޓަރުގެ ރިވެޓްމަންޓް ޖަހާއިރު ޕޭމަންޓާއި ބަނދަރު ބައްތި އަދި ނެރުބައްތި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީން އިއްޔެ ވަނީ ހަނިމާދޫ ބަނދަރުގެ މަސައްކަތްވެސް ފަށާފަަ އެވެ.