ވިޔަފާރި

އެމްއެމްއޭއިން 2.7 ބިލިއަން ރުފިޔާގެ އޯވަޑްރޯ ދޫކޮށްފި

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް 2.7 ބިލިއަން ރުފިޔާގެ އޯވަޑްރޯއެއް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދޫކޮށްފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އޯވަޑްރޯގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ވަނީ ސަރުކާރަށް ދޫކޮށްފަ އެވެ.

ސަރުކާރަށް އޯވަޑްރޯ ދޫކުކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައި ވަނިކޮށް ސިއްހީ ދާއިރާ އަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ، ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ރައްޔިތުން މަޖިލީހުން ދީފައިވާ ހުއްދައާ އެއްގޮތަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން އާއްމުގޮތެއްގައި އެމްއެމްއޭ އިން ސަރުކާރަށް ދަރަނި ނެގޭނެ ލިމިޓަކީ، ވޭތުވެދިޔަ 3 އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވުމުގެ ސަބަބުން، ފިނޭންސް ވަނީ މި ލިމިޓް 4.2 ބިލިއަން ރުފިޔާ އަށް މަތިކޮށްދީފައިވަނީ ރައްޔިތުން މަޖިލީހުންނެވެ.

އެމްއެމްއޭ އިން އޯވަޑްރޯ ކުރުން ނުވަތަ "މަނިޓައިޒް" ކުރުމަކީ ބައެއް އިގްތިސާދީ މާހިރުންގެ ނަޒަރުގައި ތަފާތު މައްސަލަ ތަކެއް މުސްތަގުބަލުގައި ކުރިމަތިވާނެ ކަމެކެވެ. މިއީ "ފައިސާ ޗާޕުކޮށްގެން" އިގްތިސާދަށް ނެރުން ކަމަށް ބައެއް މާހިރުން ގަބޫލު ކުރައްވަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި އޯވަޑްރޯ ކުރިނަމަވެސް އިގްތިސާދަށް އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މަނިޓައިޒް ކުރުމަކީ ކޮބާ؟

ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި މަރުކަޒީ ބޭންކުން ދަރަނި ނެގުމާއި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކު އެކައުންޓުން އޯވަޑްރޯ ކުރުމަކީ މަނިޓައިޒް ކުރުމެވެ. އެހެންކަމުން އެމްއެމްއޭއި ން ދަރަނި ނެގުމުން، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ފައިސާ އިތުރުވެ، މިކަމުގެ ސަބަބުން މަނީ ސަޕްލައި ވެސް އިތުރުވެގެންދެ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ހީނަރުވެފައިވާ ދަނޑިވަޅެއްގައި، މަނީ ސަޕްލައި އިތުރުވުމުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް މިކަމުގެ ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަގޮތެއްގައި ދިވެހި ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވެގެންދާނަމަ، ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެދާނެ އެވެ. އެހެންނަމަވެސް ފޮރިން އެކްސްޗޭންޖް ބާޒާރަށް ކޮށްފާނެ ނޭދެވޭ އަސަރު ބިނާވެގެން ދާނީ މަރުކަޒީ ބޭންކުން މަނިޓައިޒް ކުރާ މުއްދަތާއި އަދި މި މުއްދަތުގައި ބޭންކުތަކުން ލޯނުދޫކުރާ މިންވަރު ނުވަތަ ކުރެޑިޓް މަލްޓިޕްލެއާ ގެ މައްޗަށެވެ.

ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓުގައި ޑޮލަރުގެ އަގު ވެއްޓުނަ ނުދޭން އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށާއި، އެ އޮތޯރިޓީގައި ގާއިމުވެފައިހުރި އެެކިއެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރު ފައިސާ އިތުރަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެ އެވެ. މިގޮތުން މިހާތަނަށް އިންޑިއާގެ ރިޒާވް ބޭންކާއި އެމްއެމްއޭ އާ ދެމެދު ވެފައިވާ 400 މިލިޔަން ޔޫއެސް ޑޮލަރު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން މިހާރު ވާނީ 150 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ. އަދި މީގެ އިތުރުން އައިއެމްއެފުން ރާއްޖޭ އަށް ދޭން ނިންމި 28.9 އެމެރިކާ ޑޮލަރު ވަނީ އެމްއެމްއޭއަށް ލިބިފަ އެވެ.