ފެބްރުއަރީ 8، 2012 ގައި މިހާރުގެ މާފަންނު މެދު ދާއިރަގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ރައްޔިތުން މަޖިލީހުގެ ތަޅުމުގައި އަޅުވައިފި އެވެ.
ބޮންޑޭއަށް އަނިޔާ ކުރާ ވީޑިއޯ މަޖިލީހުގައި އެޅުވީ ސަރުކާރު ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ފުލުހުންގެ ބިލަށް ކުރެއްވި ބަހުސްގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އެދިވަޑައިގަތުމަށެވެ.
އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި މެންބަރަކު ވީޑިއޯއެއް ބެލުމަށް އެދިވަޑައިގެންފި ނަމަ އެކަން އެގޮތަށް ހަމަޖައްސާނެ ކަމަށެވެ.
ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ފެބްރުއަރީ 7، އަދި 8، 2012 ގައި ދިވެހި ރައްޔިތުންނަށް ކުރި އަނިޔާތައް ވީޑިއޯތަކުން ފެންނަން އެބަހުރި ކަމަށާއި އެއީ ގޯހުން ކުރި އަނިޔާތައް ކަމެއް ކަމަށެވެ. އޭގެ ފަހުން އެއްވެސް ވެރިއަކު އަދި ފުލުހުންގެ މުއައްސަސާއިން ވެސް މާފަށް އެދިފައި ނުވާ ކަމަށެވެ.
ފުލުހުން އަނިޔާ ކުރަނީ ސިޔާސީ މީހަކަށް ވާތީ ނޫން ކަމަށާއި އެއީ ރާއްޖޭގެ ސަގާފަތެއް ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އަދި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭނެ ކަމަށް ދެބަސްވާނެ ރައްޔިތަކު ނުވަތަ ޕާޓީއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.