ހަބަރު

އެލައިޑުގެ އައްޑޫ އޮފީހުން ހިދުމަތް ދޭން ފަށައިފި

ކޮވިޑް-19 އާ ގުޅިގެން ދެ މަސް ދުވަހު ބަންދު ކުރުމަށް ފަހު އެލައިޑް އިންޝުއަރަންގެ އައްޑޫ އޮފީސް ހުޅުވައިފި އެވެ.

އެލައިޑުން އެ މައުލޫމާތު ދެމުން ބުނީ ކޮވިޑްއާ ގުޅިގެން މާޗު 19 ގައި އައްޑޫ ބްރާންޗް ބަންދު ކުރި ކަމަށެވެ. އަދި ދެ މަހަށް ފަހު އަލުން އޮފީސް ހުޅުވާ މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ބުންޏެވެ. އެލައިޑު އައްޑޫ އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ފެށިގެން މެނދުރު ފަހު 2:00 އާ ހަމައަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންއަށް ލުއިތަކެއް ސަރުކާރުން ދިނުމާއެކު ބައެއް އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާފަ އެވެ.

މެދުކެނޑުމަކަށް ފަހު އޮފީސް ހުޅުވި ނަމަވެސް ހިދުމަތް ހޯދާ ފަރާތްތަކުން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މާސްކް އެޅުމާއި ގައިދުރުކަން ދަމަހައްޓާ އަދި ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ ކުންފުނީގެ ހިދުމަތް ދެމުން އަންނަ ހަމައެކަނި ރީޖަނަލް އޮފީހަކީ އައްޑޫގައި ހުރި އޮފީހެވެ. އައްޑޫގައި އެލައިޑުން ހިދުމަތް ދޭން ފަށާފައި ވަނީ 2008 ގަ އެވެ. ކޮވިޑް އާ ގުޅިގެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކެއް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.