ވިޔަފާރި

ރީޑިން ނަގަން ގޭގެއަށް ދާން ފަށައިފި

ކޮވިޑް ލޮކްޑައުންގައި މިހާރު ލުއިތަކެއް ދީފައިވާތީ، މި މަހުގެ ކަރަންޓު ބިލު ހަދަން ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ފަށާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯއިން ހިދުމަތް ދޭ މާލެ އާއި އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ވެސް މި ދިޔަ ދެމަހު ކަރަންޓް ބިލު ހެދީ މީޓަރުގެ ފޮޓޯ ފޮނުވައިގެނެވެ. ގޭގެއަށް ގޮސް ރީޑިން ނުނަގަން ނިންމީ ރައްކާތެރި ކަމަށް ބަލައި ބޭރަށް ނުކުމެ އުޅޭ މިންވަރު މަދު ކުރާށެވެ.

ސްޓެލްކޯ އިން ރޭ ބުނީ މިދިއަ ދެ މަހު ބިލް ހެދީ ފޮނުވާ ފޮޓޯއަށް ބަލައިގެން ނަމަވެސް ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރުމުން އެވްރެޖް ބިލެއް ގޭގެއަށް ފޮނުވަމުން ދިޔަ ކަމަށެވެ. އަދި މިހާރު ލޮކްޑައުންގައި ދީފައިވާ ލުއާއެކު ސްޓެލްކޯގެ މުވައްޒަފުން ކުރިއެކޭ އެއްގޮތަށް ގޭގެއަށް ގޮސް ރީޑިން ނަގަމުން ގެންދާނެ ކަމަށެވެ.

ގޭގެއަށް ގޮސް ރީޑިން ނަގަން އަލުން ފަށާފައިވީ ނަމަވެސް، ވަދެ ނުކުތުމުގައި ދަތި ތަންތަނާއި ގޭގެއަށް ބިލް ހަދަމުން ދާނީ ވެބްޕޯޓަލަށް ލިބޭ ފޮޓޯއަށް ބަލައިގެނެވެ.