ގދ. ތިނަދޫ

ތިނަދޫ އައިސްޕްލާންޓް ސަަރަހައްދުގެ ބައެއް ނިމިއްޖެ

ގދ. ތިނަދޫ އައިސްޕްލާންޓު ސަރަހައްދުގައި ހަދާ މަގަތުފާލަން (ކީވޯލް) ހެދުމުގެ މަސައްކަތް 74 ޕަސެންޓު ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި މަސައްކަތް ކުރުމާ ހަވާލުވީ ކުންފުނިން މިއަދު ބުނީ ތިނަދޫ އައިސްޕްލާންޓު އޮންނަ ސަރަހައްދުގައި ހަދާ ކީވޯލް މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން، އެ ސަރަހައްދުގައި ޖަހަނީ 130 މީޓަރުގެ ކީވޯލް އެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރަށް، 10 މީޓަރުގެ ރިވެޓްމަންޓު ޖެހުމާި ޕޭމަންޓު އޭރިއާ އަކާއި މަގުބައްތި ހަރުކުރުންވެސް ޕްރޮޖެކްޓު ސްކޯޕްގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.

17.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަމަލީ މަސައްކަތް ފެށީ މި އަހަރު އޭޕްރީލް މަހު ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިފްކޯ އިން ތިނަދޫގައި އެޅި އައިސްޕްލާންޓުގެ ސަބަބުން އެ ސަރަހައްދު މަސްވެރިންނަށް ފައިދާ ކުރެ އެވެ. ތިނަދޫގައި ހުންނަނީ ފެލިވަރާއި ކޫއްޑޫ އަށްފަހު ސަރުކާރުން ހިންގާ ތިންވަނަ އައިސްޕްލާންޓެވެ.